وَجَعَلۡنَا مِنۢ بَيۡنِ أَيۡدِيهِمۡ سَدّٗا وَمِنۡ خَلۡفِهِمۡ سَدّٗا فَأَغۡشَيۡنَٰهُمۡ فَهُمۡ لَا يُبۡصِرُونَ

އަދި ތިމަންރަސްކަލާނގެ އެއުރެންގެ ކުރިމަތިން ހުރަހަކާއި، އެއުރެންގެ ފުރަގަހުން ހުރަހެއް ލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންގެ ލޯތަކުގައި ފަރުދާއެއް ލެއްވީމެވެ. ދެން އެއުރެންނަކަށް ނުފެންނާނެތެވެ.


وَسَوَآءٌ عَلَيۡهِمۡ ءَأَنذَرۡتَهُمۡ أَمۡ لَمۡ تُنذِرۡهُمۡ لَا يُؤۡمِنُونَ

އަދި ކަލޭގެފާނު އެއުރެންނަށް إنذار ކުރެއްވިޔަސް ނުވަތަ އެއުރެންނަށް ކަލޭގެފާނު إنذار ނުކުރެއްވިޔަސް، އެއުރެންނަށް ހަމަހަމަވެގެންވެއެވެ. އެއުރެން إيمان އެއް ނުވާނެތެވެ.


إِنَّمَا تُنذِرُ مَنِ ٱتَّبَعَ ٱلذِّكۡرَ وَخَشِيَ ٱلرَّحۡمَٰنَ بِٱلۡغَيۡبِۖ فَبَشِّرۡهُ بِمَغۡفِرَةٖ وَأَجۡرٖ كَرِيمٍ

ކަލޭގެފާނު إنذار ކުރައްވާކަން ކަށަވަރީ، قرآن އަށް تبع ވެ، غيب ގައި رحمن ވަންތަ ރަސްކަލާނގެއަށް ބިރުވެތިވާ މީހާއަށެވެ. ފަހެ، އެމީހާއަށް ފާފަފުއްސެވުމާއި، ދީލަތި ދަރުމައެއް ހުރިކަމުގެ އުފާވެރި خبر ކަލޭގެފާނު ދެއްވާށެވެ!


إِنَّا نَحۡنُ نُحۡيِ ٱلۡمَوۡتَىٰ وَنَكۡتُبُ مَا قَدَّمُواْ وَءَاثَٰرَهُمۡۚ وَكُلَّ شَيۡءٍ أَحۡصَيۡنَٰهُ فِيٓ إِمَامٖ مُّبِينٖ

ހަމަކަށަވަރުން، މަރުވެފައިވާ މީހުން އަލުން ދިރުއްވަނީ ތިމަންރަސްކަލާނގެއެވެ. އަދި އެއުރެން އިސްކޮށްފައިވާ عمل ތަކާއި އެއުރެންގެ ފަހަށް ދޫކޮށްފައި ދިޔަ أثر ތައް ތިމަންރަސްކަލާނގެ ލިޔުއްވަމެވެ. އަދި ކޮންމެ ކަމެއްމެ ބަޔާންވެގެންވާ ފޮތެއްގައި ތިމަންރަސްކަލާނގެ ހިމެނުއްވީމެވެ.



الصفحة التالية
Icon