وَءَايَةٞ لَّهُمُ ٱلۡأَرۡضُ ٱلۡمَيۡتَةُ أَحۡيَيۡنَٰهَا وَأَخۡرَجۡنَا مِنۡهَا حَبّٗا فَمِنۡهُ يَأۡكُلُونَ
އަދި މަރުވެފައިވާ ބިމަކީ، އެއުރެންނަށްޓަކައި (އަލުން ދިރުމަކަށް ފޮނުއްވާނޭކަމުގެ) ހެތްކެކެވެ. ތިމަންރަސްކަލާނގެ އެ ބިންގަނޑު ދިރުއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެ ބިމުން އޮށްޓަރު ނެރުއްވީމެވެ. ފަހެ، އެއުރެން ކައިއުޅެނީ އެއިންނެވެ.
وَجَعَلۡنَا فِيهَا جَنَّـٰتٖ مِّن نَّخِيلٖ وَأَعۡنَٰبٖ وَفَجَّرۡنَا فِيهَا مِنَ ٱلۡعُيُونِ
އަދި ކަދުރުރުއްތަކާއި، މޭބިސްކަދުރުގެ ބަގީޗާތައް ތިމަންރަސްކަލާނގެ އެ ބިމުގައި ލެއްވީމެވެ. އަދި ފެންއާރުތައް އެބިމުގައި ހިންގެވީމެވެ.
لِيَأۡكُلُواْ مِن ثَمَرِهِۦ وَمَا عَمِلَتۡهُ أَيۡدِيهِمۡۚ أَفَلَا يَشۡكُرُونَ
(އެއީ) އެތާނގެ މޭވާއިންނާއި، އެއުރެންގެ އަތްތަކުން މަސައްކަތްކޮށްގެން ހޯދިތަކެތިން އެއުރެން ކައިއުޅުމަށްޓަކައެވެ. ފަހެ، އެއުރެން شكر ނުކުރަނީ ހެއްޔެވެ؟
سُبۡحَٰنَ ٱلَّذِي خَلَقَ ٱلۡأَزۡوَٰجَ كُلَّهَا مِمَّا تُنۢبِتُ ٱلۡأَرۡضُ وَمِنۡ أَنفُسِهِمۡ وَمِمَّا لَا يَعۡلَمُونَ
ބިމުން ފަޅައިގެންހެދޭ ތަކެތީގެ ތެރެއިންނާއި، އެއުރެންގެ އަމިއްލަ نفس ތަކުންނާއި، އެއުރެން ނުދަންނަ ތަކެތިން، ޖޯޑުޖޯޑަށް ހުރިހާ ތަކެތި ހެއްދެވި ރަސްކަލާނގެ ހުސްطاهر ވަންތަ ކަމާއެވެ!
وَءَايَةٞ لَّهُمُ ٱلَّيۡلُ نَسۡلَخُ مِنۡهُ ٱلنَّهَارَ فَإِذَا هُم مُّظۡلِمُونَ
ރޭގަނޑަކީ، އެއުރެންނަށްހުރި ހެތްކެކެވެ. ތިމަންރަސްކަލާނގެ ރޭގަނޑުގެ ތެރެއިން ދުވާލު ވަކިކުރައްވަމެވެ. ފަހެ، އެހާރުން އެއުރެން އަނދިރީގެ ތެރޭގައިވެއެވެ.