وَأَنِيبُوٓاْ إِلَىٰ رَبِّكُمۡ وَأَسۡلِمُواْ لَهُۥ مِن قَبۡلِ أَن يَأۡتِيَكُمُ ٱلۡعَذَابُ ثُمَّ لَا تُنصَرُونَ
އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް توبة ވެ، އެކަލާނގެއަށް ކިޔަމަންވާށެވެ! (އެއީ) ތިޔަބައިމީހުންނަށް عذاب އައުމުގެ ކުރިންނެވެ. ދެން ތިޔަބައިމީހުންނަކަށް نصر އެއް ނުލިބޭނެތެވެ.
وَٱتَّبِعُوٓاْ أَحۡسَنَ مَآ أُنزِلَ إِلَيۡكُم مِّن رَّبِّكُم مِّن قَبۡلِ أَن يَأۡتِيَكُمُ ٱلۡعَذَابُ بَغۡتَةٗ وَأَنتُمۡ لَا تَشۡعُرُونَ
އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ތިޔަބައިމީހުންނަށް ބާވައިލެއްވި އެންމެމޮޅު وحى އަށް (އެބަހީ: قرآن އަށް) ތިޔަބައިމީހުން تبع ވާށެވެ! ތިޔަބައިމީހުންނަށް ނުވެސްއެނގި ތިއްބައި، ކުއްލިޔަކަށް ތިޔަބައިމީހުންނަށް عذاب އައުމުގެ ކުރިންނެވެ.
أَن تَقُولَ نَفۡسٞ يَٰحَسۡرَتَىٰ عَلَىٰ مَا فَرَّطتُ فِي جَنۢبِ ٱللَّهِ وَإِن كُنتُ لَمِنَ ٱلسَّـٰخِرِينَ
اللَّه ގެ ފަރާތަށް (އަދާކުރަންޖެހޭ ވާޖިބުތަކުގައި) މިއަޅާ ފަރުވާކުޑަކުރި ކަމަށްޓަކައި، މިއަޅާޔަށްހުރި ހިތާމައިގެ ބޮޑުކަމާއޭ ތިޔަބައިމީހުންކުރެ މީހަކަށް ބުނަންޖެހިދާނެތީއެވެ. އަދި ހަމަކަށަވަރުން، މިއަޅާވީ (دين އަށް) ފުރައްސާރަކުރާ މީހުންގެ ތެރެއިންނެވެ.
أَوۡ تَقُولَ لَوۡ أَنَّ ٱللَّهَ هَدَىٰنِي لَكُنتُ مِنَ ٱلۡمُتَّقِينَ
ނުވަތަ اللَّه މިއަޅާޔަށް ތެދުމަގު ދެއްކެވިނަމަ، މިއަޅާވީހީ، تقوى ވެރިންގެ ތެރެއިންކަން ކަށަވަރޭ އެމީހަކު ބުނަންޖެހިދާނެތީއެވެ.