يَوۡمَ هُم بَٰرِزُونَۖ لَا يَخۡفَىٰ عَلَى ٱللَّهِ مِنۡهُمۡ شَيۡءٞۚ لِّمَنِ ٱلۡمُلۡكُ ٱلۡيَوۡمَۖ لِلَّهِ ٱلۡوَٰحِدِ ٱلۡقَهَّارِ
އެދުވަހުން އެއުރެން ފާޅުވެ ފެންނާނެތެވެ. އެއުރެންގެ އެއްވެސް ކަމެއް، اللَّه އަށް ވަންހަނާވެގެނެއް ނުވާނެތެވެ. (އެދުވަހުން، اللَّه وحى ކުރައްވާނެތެވެ.) މިއަދު ވެރިކަންއޮތީ ކާކަށްހެއްޔެވެ؟ (خود އެކަލާނގެ ޖަވާބުދެއްވާނެތެވެ.) އެއްކައުވަންތަ، ބާރުުވެރިވަންތަ اللَّه އަށެވެ.
ٱلۡيَوۡمَ تُجۡزَىٰ كُلُّ نَفۡسِۭ بِمَا كَسَبَتۡۚ لَا ظُلۡمَ ٱلۡيَوۡمَۚ إِنَّ ٱللَّهَ سَرِيعُ ٱلۡحِسَابِ
މިއަދު (އެބަހީ: قيامة ދުވަހު) ކޮންމެ نفس އަކަށްމެ، އެنفس އެއް ހޯދިކަމެއްގެ ޖަޒާދެއްވާނެތެވެ. މިއަދު އެއްވެސް ބޭއިންސާފެއް ނެތެވެ. ހަމަކަށަވަރުން اللَّه އީ حساب ބެއްލެވުން އަވަސްވެވޮޑިގެންވާ ރަސްކަލާނގެއެވެ.
وَأَنذِرۡهُمۡ يَوۡمَ ٱلۡأٓزِفَةِ إِذِ ٱلۡقُلُوبُ لَدَى ٱلۡحَنَاجِرِ كَٰظِمِينَۚ مَا لِلظَّـٰلِمِينَ مِنۡ حَمِيمٖ وَلَا شَفِيعٖ يُطَاعُ
ކައިރިވަމުންއަންނަ ދުވަހާމެދު، ކަލޭގެފާނު އެއުރެންނަށް إنذار ކުރައްވާށެވެ! މޮޅިޔާއި، ހިތާމައިން ފުރިގެންވާ حال، ހިތްތައް ކަރުތެރެޔަށް އަރައިގެން އަންނަހިނދެވެ. (އެދުވަހުން) އަނިޔާވެރިންނަކަށް رحمة ތެރިޔަކު ނުވަތަ ކިޔަމަންގަނެވޭ شفاعة ތެރިޔަކުވެސް ނުވެއެވެ.
يَعۡلَمُ خَآئِنَةَ ٱلۡأَعۡيُنِ وَمَا تُخۡفِي ٱلصُّدُورُ
ލޮލުގެ خيانة ތެރި ބެލުންތަކާއި، ހިތްތަކުގައި ފޮރުވިފައިވާ ކަންތައް އެކަލާނގެ ދެނެވޮޑިގެންވެތެވެ.