إِذۡ قَالَتِ ٱمۡرَأَتُ عِمۡرَٰنَ رَبِّ إِنِّي نَذَرۡتُ لَكَ مَا فِي بَطۡنِي مُحَرَّرٗا فَتَقَبَّلۡ مِنِّيٓۖ إِنَّكَ أَنتَ ٱلسَّمِيعُ ٱلۡعَلِيمُ

عمران ގެ އަނބިކަނބަލުން ވިދާޅުވިހިނދު، ހަނދުމަކުރާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! އަޅުގެ ބަނޑުގައި އޮތް ދަރި (بيت المقدس ގެ خدمة އަށްޓަކައި، އެހެން ހުރިހާކަމަކުން) މިނިވަންކޮށް، އިބަރަސްކަލާނގެ حضرة އަށް خالص ކުރުމަށް، ހަމަކަށަވަރުން، ނަދުރުގެންފީމެވެ. ފަހެ، އަޅުގެ ކިބައިން (އެކަން) قبول ކުރައްވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.


فَلَمَّا وَضَعَتۡهَا قَالَتۡ رَبِّ إِنِّي وَضَعۡتُهَآ أُنثَىٰ وَٱللَّهُ أَعۡلَمُ بِمَا وَضَعَتۡ وَلَيۡسَ ٱلذَّكَرُ كَٱلۡأُنثَىٰۖ وَإِنِّي سَمَّيۡتُهَا مَرۡيَمَ وَإِنِّيٓ أُعِيذُهَا بِكَ وَذُرِّيَّتَهَا مِنَ ٱلشَّيۡطَٰنِ ٱلرَّجِيمِ

ދެން، އެކަމަނާ، އެ ދަރިކަނބަލުންނާއިގެން ރައްކާވިހިނދު، ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! ހަމަކަށަވަރުން، އަޅު ވިހޭ ދަރިޔަކީ، އަންހެން ކުއްޖެކެވެ. އެކަމަނާ ރައްކާވީ، ކޮންކަހަލަ ކުއްޖެއްކަން اللَّه ދެނެވޮޑިގެންވެތެވެ. (އެކަމަނާ ދެންނެވިއެވެ.) ފިރިހެންކުއްޖަކު އަންހެންކުއްޖަކާ އެއްފަދައެއްނޫނެވެ. އަދި، ހަމަކަށަވަރުން، އެ ދަރިކަނބަލުންނަށް مريم އޭ ނަންދީފީމެވެ. އަދި، ހަމަކަށަވަރުން، رحمة ން ބޭރުކުރައްވާފައިވާ شيطان އާގެ ކިބައިން، އެ ދަރިކަނބަލުންނާއި، އެ ދަރިކަނބަލުންގެ ދަރިފަސްކޮޅު، ރައްކާތެރިކޮށްދެއްވުމަށްއެދި، އިބަރަސްކަލާނގެ حضرة އަށް ދަންނަވަމެވެ.


فَتَقَبَّلَهَا رَبُّهَا بِقَبُولٍ حَسَنٖ وَأَنۢبَتَهَا نَبَاتًا حَسَنٗا وَكَفَّلَهَا زَكَرِيَّاۖ كُلَّمَا دَخَلَ عَلَيۡهَا زَكَرِيَّا ٱلۡمِحۡرَابَ وَجَدَ عِندَهَا رِزۡقٗاۖ قَالَ يَٰمَرۡيَمُ أَنَّىٰ لَكِ هَٰذَاۖ قَالَتۡ هُوَ مِنۡ عِندِ ٱللَّهِۖ إِنَّ ٱللَّهَ يَرۡزُقُ مَن يَشَآءُ بِغَيۡرِ حِسَابٍ

ފަހެ، އެކަމަނާގެ ވެރިރަސްކަލާނގެ ރިވެތިވެގެންވާ قبول އަކުން އެކަމަނާ قبول ކުރައްވައިފިއެވެ. އަދި، ރިވެތިވެގެންވާ ބޮޑުކުރެއްވުމަކުން އެކަމަނާ ބޮޑުކުރެއްވިއެވެ. އަދި، زكرياّ ގެފާނާ، އެކަމަނާ ބެލެހެއްޓެވުން حوال ކުރެއްވިއެވެ. އެކަމަނާގެ އަރިހަށް محراب ގެ ތެރެޔަށް زكريّا ގެފާނު، ވެދެވަޑައިގަންނަވާ ކޮންމެފަހަރަކު، އެކަމަނާގެ އަރިހުގައި، ކާތަކެތިވާތީ، އެކަލޭގެފާނު ދެކެވަޑައިގެން ވިދާޅުވެތެވެ. އޭ مريم އެވެ! ކަމަނާއަށް މިތަކެތި ލިބިވަޑައިގަންނަވަނީ ކޮންތާކުންތޯއެވެ؟ އެކަމަނާ ވިދާޅުވެތެވެ. އެއީ، اللَّه ގެ حضرة ންނެވެ. ހަމަކަށަވަރުން، اللَّه އެކަލާނގެ އިރާދަކުރައްވާ މީހަކަށް އެއްވެސް حساب އެއްނެތި رزق ދެއްވަތެވެ.



الصفحة التالية
Icon