إِذۡ جَآءَتۡهُمُ ٱلرُّسُلُ مِنۢ بَيۡنِ أَيۡدِيهِمۡ وَمِنۡ خَلۡفِهِمۡ أَلَّا تَعۡبُدُوٓاْ إِلَّا ٱللَّهَۖ قَالُواْ لَوۡ شَآءَ رَبُّنَا لَأَنزَلَ مَلَـٰٓئِكَةٗ فَإِنَّا بِمَآ أُرۡسِلۡتُم بِهِۦ كَٰفِرُونَ

އެއުރެންގެގާތަށް، އެއުރެންގެ ކުރިމަތިންނާއި، އެއުރެންގެ ފަހަތުން رسول ން ވަޑައިގެން اللَّه އަށް މެނުވީ އަޅުކަން ނުކުރުމަށް އެންގެވިހިނދު، އެއުރެން ބުނޫއެވެ. ތިމަންމެންގެ ވެރިރަސްކަލާނގެ (رسول ން ފޮނުއްވެވުމަށް) އިރާދަކުރެއްވިނަމަ، ފޮނުއްވީހީ ملائكة ންނެވެ. ފަހެ، ހަމަކަށަވަރުން، ތިޔަބޭކަލުން އެކަންތަކާއިގެން ފޮނުއްވެވި ކަންތަކަށް، ތިމަންމެން كافر ވަމުއެވެ.


فَأَمَّا عَادٞ فَٱسۡتَكۡبَرُواْ فِي ٱلۡأَرۡضِ بِغَيۡرِ ٱلۡحَقِّ وَقَالُواْ مَنۡ أَشَدُّ مِنَّا قُوَّةًۖ أَوَلَمۡ يَرَوۡاْ أَنَّ ٱللَّهَ ٱلَّذِي خَلَقَهُمۡ هُوَ أَشَدُّ مِنۡهُمۡ قُوَّةٗۖ وَكَانُواْ بِـَٔايَٰتِنَا يَجۡحَدُونَ

ފަހެ، عاد ބާގައިމީހުން ދަންނާށެވެ! އެއުރެން حق އަކާ ނުލައި ބިމުގައި ބޮޑާވެގަތޫއެވެ. އަދި އެއުރެން ބުނޫއެވެ. ތިމަންމެންނަށްވުރެ ބާރުގަދައީ ކާކުހެއްޔެވެ؟ އެއުރެން ހެއްދެވި اللَّه، އެއުރެންނަށްވުރެ ބާރުގަދަކަން އެއުރެންނަށް ނޭނގެނީހެއްޔެވެ؟ އަދި ތިމަންރަސްކަލާނގެ آية ތަކަށް ދެކޮޅުހަދާ ބަޔަކުކަމުގައި އެއުރެންވޫއެވެ.


فَأَرۡسَلۡنَا عَلَيۡهِمۡ رِيحٗا صَرۡصَرٗا فِيٓ أَيَّامٖ نَّحِسَاتٖ لِّنُذِيقَهُمۡ عَذَابَ ٱلۡخِزۡيِ فِي ٱلۡحَيَوٰةِ ٱلدُّنۡيَاۖ وَلَعَذَابُ ٱلۡأٓخِرَةِ أَخۡزَىٰۖ وَهُمۡ لَا يُنصَرُونَ

ފަހެ، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ސުންޕާދުވަސްތަކެއްގައި، ގަދަ އަޑާއި، ގަދަ ފިނީގެ ވަޔެއް ފޮނުއްވީމެވެ. ދުނިޔޭގެ حياة ގައި ނިކަމެތިކަމުގެ عذاب ގެ ރަހަ، ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްކެވުމަށްޓަކައެވެ. އަދި ހަމަކަށަވަރުން، آخرة ގެ عذاب ގެ ނިކަމެތިކަން މާބޮޑެވެ. އަދި އެއުރެންނަކަށް نصر އެއް ނުލިބޭނެތެވެ.



الصفحة التالية
Icon