إِنَّ ٱلَّذِينَ قَالُواْ رَبُّنَا ٱللَّهُ ثُمَّ ٱسۡتَقَٰمُواْ تَتَنَزَّلُ عَلَيۡهِمُ ٱلۡمَلَـٰٓئِكَةُ أَلَّا تَخَافُواْ وَلَا تَحۡزَنُواْ وَأَبۡشِرُواْ بِٱلۡجَنَّةِ ٱلَّتِي كُنتُمۡ تُوعَدُونَ
ހަމަކަށަވަރުން، ތިމަންމެންގެ ވެރިރަސްކަލާނގެއީ اللَّه އޭ ބުނެ، ދެން ސީދާމަގުގައި ދެމިތިބިމީހުން (ދަންނާށެވެ!) އެއުރެންގެ މައްޗަށް ملائكة ން ފައިބައިވަޑައިގަންނަވާނެތެވެ. ވިދާޅުވަމުންނެވެ. ތިޔަބައިމީހުން ބިރުނުގަންނާށެވެ! އަދި ހިތާމަނުކުރާށެވެ! އަދި ތިޔަބައިމީހުންނަށް وعد ކުރައްވާކަމުގައިވާ ސުވަރުގޭގެ އުފާވެރިކަމުގެ خبر ލިބިގަންނާށެވެ!
نَحۡنُ أَوۡلِيَآؤُكُمۡ فِي ٱلۡحَيَوٰةِ ٱلدُّنۡيَا وَفِي ٱلۡأٓخِرَةِۖ وَلَكُمۡ فِيهَا مَا تَشۡتَهِيٓ أَنفُسُكُمۡ وَلَكُمۡ فِيهَا مَا تَدَّعُونَ
ތިމަންބޭކަލުންނީ ދުނިޔޭގެ حياة ގައްޔާއި، آخرة ގައި ތިޔަބައިމީހުންގެ އެހީތެރިންނެވެ. ތިޔަބައިމީހުންގެ نفس ތައް އެދޭހާކަމެއް އެދުވަހުން، ތިޔަބައިމީހުންނަށްޓަކައިވެއެވެ. އަދި (އުފަލާއި، އަރާމުގެތެރެއިން) ތިޔަބައިމީހުން ދަންނަވާހާކަމެއް ތިޔަބައިމީހުންނަށްވެއެވެ.
نُزُلٗا مِّنۡ غَفُورٖ رَّحِيمٖ
ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ކަލެއްގެ މެހުމާންދާރީއެއްގެ ގޮތުގައެވެ.
وَمَنۡ أَحۡسَنُ قَوۡلٗا مِّمَّن دَعَآ إِلَى ٱللَّهِ وَعَمِلَ صَٰلِحٗا وَقَالَ إِنَّنِي مِنَ ٱلۡمُسۡلِمِينَ
اللَّه ގެ حضرة އަށް (އައުމަށް) ގޮވާލައި، އަދި صالح عمل ކޮށް، އަދި ހަމަކަށަވަރުން، ތިމަންނާވަނީ (اللَّه އަށް) ކިޔަމަންވާމީހުންގެ ތެރެއިންނޭ ބުނާމީހަކަށްވުރެ ރަނގަޅު ބަސްބުނާ މީހަކީ ކާކުހެއްޔެވެ؟