فَإِنِ ٱسۡتَكۡبَرُواْ فَٱلَّذِينَ عِندَ رَبِّكَ يُسَبِّحُونَ لَهُۥ بِٱلَّيۡلِ وَٱلنَّهَارِ وَهُمۡ لَا يَسۡـَٔمُونَ۩
ފަހެ، އެއުރެން (اللَّه އަށް سجدة ކުރުމަށް) ބޮޑާވެގެންފިނަމަ، ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ގައިވާ ملائكة ން އެކަލާނގެއަށް ރެޔާއިދުވާލު تسبيح ދަންނަވަތެވެ. އަދި އެބޭކަލުން އެކަމަކަށް ފޫހިފުޅެއްނުވެތެވެ.
وَمِنۡ ءَايَٰتِهِۦٓ أَنَّكَ تَرَى ٱلۡأَرۡضَ خَٰشِعَةٗ فَإِذَآ أَنزَلۡنَا عَلَيۡهَا ٱلۡمَآءَ ٱهۡتَزَّتۡ وَرَبَتۡۚ إِنَّ ٱلَّذِيٓ أَحۡيَاهَا لَمُحۡيِ ٱلۡمَوۡتَىٰٓۚ إِنَّهُۥ عَلَىٰ كُلِّ شَيۡءٖ قَدِيرٌ
ގަހެއްނެތި ހިކިފައިވާ ބިން، ތިބާ ދެކޭނޫއެވެ. ފަހެ، އެ ބިމުގެ މައްޗަށް ތިމަންރަސްކަލާނގެ ވާރޭ ވެއްސަވައިފިހިނދު، އެބިމުގެ ގަސްތަކުގެ حركات ފެށި، ގަސްތައް އިތުރުވެއެވެ. އެއީ އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. ހަމަކަށަވަރުން، އެ ބިންގަނޑު ދިރުއްވި ރަސްކަލާނގެއީ، މަރުވެފައިވާ ތަކެތި ދިރުއްވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ކޮންމެކަމެއްގެ މައްޗަށްމެ ކުޅަދުންވަންތަ ރަސްކަލާނގެއެވެ.
إِنَّ ٱلَّذِينَ يُلۡحِدُونَ فِيٓ ءَايَٰتِنَا لَا يَخۡفَوۡنَ عَلَيۡنَآۗ أَفَمَن يُلۡقَىٰ فِي ٱلنَّارِ خَيۡرٌ أَم مَّن يَأۡتِيٓ ءَامِنٗا يَوۡمَ ٱلۡقِيَٰمَةِۚ ٱعۡمَلُواْ مَا شِئۡتُمۡ إِنَّهُۥ بِمَا تَعۡمَلُونَ بَصِيرٌ
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ آية ތަކާމެދުގައި ދެކޮޅުހަދައި، އެއްކިބާވާމީހުން ތިމަންރަސްކަލާނގެއަށް ވަންހަނާވެގެންނެއްނުވެތެވެ. ފަހެ، ހެޔޮކަންބޮޑީ ނަރަކަޔަށް އެއްލައިލެވޭ މީހާހެއްޔެވެ؟ ނުވަތަ قيامة ދުވަހު أمان ކަމާއެކުގައި އަންނަމީހާ ހެއްޔެވެ؟ ތިޔަބައިމީހުން އެދޭކަމެއްކުރާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، ތިޔަބައިމީހުން ކުރާކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.