وَمِنۡ ءَايَٰتِهِ ٱلۡجَوَارِ فِي ٱلۡبَحۡرِ كَٱلۡأَعۡلَٰمِ

އަދި ކަނޑުގައިދުވާ ފަރުބަދަތައްފަދަ އުޅަނދުތަކަކީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ތަކެއްޗެވެ.


إِن يَشَأۡ يُسۡكِنِ ٱلرِّيحَ فَيَظۡلَلۡنَ رَوَاكِدَ عَلَىٰ ظَهۡرِهِۦٓۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّكُلِّ صَبَّارٖ شَكُورٍ

އެކަލާނގެ އިރާދަކުރައްވާނަމަ، ވައިމަޑުކުރައްވައިފީހެވެ. ފަހެ، އޭރުން އެއުޅަނދުތައް ފެންމަތީގައި ހުއްޓިހުރެދާނެތެވެ. ހަމަކަށަވަރުން، ކެތްތެރިކަންބޮޑު، شكر ވެރިވުންގިނަ ކޮންމެ މީހަކަށް އެކަންތަކުގައި ހެކިތަކެއްވާކަން ކަށަވަރެވެ.


أَوۡ يُوبِقۡهُنَّ بِمَا كَسَبُواْ وَيَعۡفُ عَن كَثِيرٖ

ނުވަތަ އެއުރެން ހޯދި ނުބައިކަންތަކުގެ ސަބަބުން އެ އުޅަނދުތައް ހަލާކުކުރައްވައިފީހެވެ. އަދި (އެކަލާނގެ އިރާދަކުރައްވާނަމަ، އެއުރެންގެ) ގިނަ ފާފަ عفو ކުރައްވައިފީހެވެ.


وَيَعۡلَمَ ٱلَّذِينَ يُجَٰدِلُونَ فِيٓ ءَايَٰتِنَا مَا لَهُم مِّن مَّحِيصٖ

އަދި ތިމަންރަސްކަލާނގެ آية ތަކާމެދުގައި ޖަދަލުކުރާ މީހުންނަށް (ތިމަންރަސްކަލާނގެ عذاب ން) ފިލަންދާނޭ ތަނެއްނެތްކަން އެނގުމަށްޓަކައެވެ.


فَمَآ أُوتِيتُم مِّن شَيۡءٖ فَمَتَٰعُ ٱلۡحَيَوٰةِ ٱلدُّنۡيَاۚ وَمَا عِندَ ٱللَّهِ خَيۡرٞ وَأَبۡقَىٰ لِلَّذِينَ ءَامَنُواْ وَعَلَىٰ رَبِّهِمۡ يَتَوَكَّلُونَ

ފަހެ، ތިޔަބައިމީހުންނަށް ދެއްވި ކޮންމެ އެއްޗަކީ، ދުނިޔޭގެ ދިރިއުޅުމުގެ ވަގުތީ އުފަލެކެވެ. އަދި إيمان ވެ، އެއުރެންގެ ވެރިރަސްކަލާނގެއަށް وكيل ކުރާމީހުންނަށް، اللَّه ގެ حضرة ގައިވާ ثواب ހެޔޮކަންބޮޑެވެ. އަދި ދެމިހުރުން ބޮޑުމެއެވެ.



الصفحة التالية
Icon