وَمَا كَانَ لَهُم مِّنۡ أَوۡلِيَآءَ يَنصُرُونَهُم مِّن دُونِ ٱللَّهِۗ وَمَن يُضۡلِلِ ٱللَّهُ فَمَا لَهُۥ مِن سَبِيلٍ
އަދި اللَّه ފިޔަވައި، އެއުރެންނަށް نصر ދޭނޭ އެއްވެސް އެހީތެރިޔަކު، އެއުރެންނަކަށް ނުވާހުށްޓެވެ. އަދި اللَّه މަގުފުރައްދަވާމީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް (ސަލާމަތްވާނޭ) އެއްވެސްމަގެއް ނުވެތެވެ.
ٱسۡتَجِيبُواْ لِرَبِّكُم مِّن قَبۡلِ أَن يَأۡتِيَ يَوۡمٞ لَّا مَرَدَّ لَهُۥ مِنَ ٱللَّهِۚ مَا لَكُم مِّن مَّلۡجَإٖ يَوۡمَئِذٖ وَمَا لَكُم مِّن نَّكِيرٖ
اللَّه ގެ حضرة ން ރައްދުނުކުރެވޭނެ ދުވަހެއް (އެބަހީ: قيامة ދުވަސް) އައުމުގެކުރިން، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން އިޖާބަދޭށެވެ! އެދުވަހުން ތިޔަބައިމީހުން ސަލާމަތްވާންދާނެ އެއްވެސްތަނެއް، ތިޔަބައިމީހުންނަކަށް ނުވެތެވެ. އަދި (ތިޔަބައިމީހުންގެ عذاب އަށް) إنكار ކުރާނޭ މީހަކުވެސް ތިޔަބައިމީހުންނަކަށް ނުވެތެވެ.
فَإِنۡ أَعۡرَضُواْ فَمَآ أَرۡسَلۡنَٰكَ عَلَيۡهِمۡ حَفِيظًاۖ إِنۡ عَلَيۡكَ إِلَّا ٱلۡبَلَٰغُۗ وَإِنَّآ إِذَآ أَذَقۡنَا ٱلۡإِنسَٰنَ مِنَّا رَحۡمَةٗ فَرِحَ بِهَاۖ وَإِن تُصِبۡهُمۡ سَيِّئَةُۢ بِمَا قَدَّمَتۡ أَيۡدِيهِمۡ فَإِنَّ ٱلۡإِنسَٰنَ كَفُورٞ
ފަހެ، އެއުރެން ފުރަގަސްދީފިނަމަ (ދަންނާށެވެ!) ފަހެ، އެއުރެންގެ މައްޗަށް ބެލެހެއްޓުންތެރިޔަކު ކަމުގައި ތިމަންރަސްކަލާނގެ، ކަލޭގެފާނު ނުފޮނުއްވަމެވެ. އިއްވެވުންމެނުވީ ކަލޭގެފާނުގެ މައްޗަކަށް ނުވެތެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ رحمة އެއްގެ ރަހަ ތިމަންރަސްކަލާނގެ އިންސާނާއަށް ދައްކަވައިފިނަމަ، އެކަމަށް އޭނާ އުފާކުރެތެވެ. އަދި އެއުރެންގެ އަތްތަކުން އިސްކުރި ފާފަތަކުގެ ސަބަބުން އެއުރެންނަށް ނުބައިކަމެއް ޖެހިއްޖެނަމަ ފަހެ، ހަމަކަށަވަރުން، އިންސާނާާއީ (نعمة ތަކަށް) ދެކޮޅުހަދާ، كافر ވާމީހެކެވެ.