رَبَّنَآ ءَامَنَّا بِمَآ أَنزَلۡتَ وَٱتَّبَعۡنَا ٱلرَّسُولَ فَٱكۡتُبۡنَا مَعَ ٱلشَّـٰهِدِينَ

އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ ބާވައިލެއްވިފޮތަށް އަޅަމެން إيمان ވެއްޖައީމުއެވެ. އަދި، رسول އާޔަށް (އެބަހީ: عيسى ގެފާނަށް) އަޅަމެން تبع ވެއްޖައީމުއެވެ. ފަހެ، (އިބަރަސްކަލާނގެ އެއްކައުވަންތަކަމަށާއި، رسول އާއީ، އިބަރަސްކަލާނގެ حق رسول އާ ކަމަށް) ހެކިވާ މީހުންނާ އެކުގައި އަޅަމެން ލިޔުއްވާނދޭވެ!


وَمَكَرُواْ وَمَكَرَ ٱللَّهُۖ وَٱللَّهُ خَيۡرُ ٱلۡمَٰكِرِينَ

އެއުރެން (އެބަހީ: كافر ވި މީހުން) މަކަރުވެރި ނުބައި ރޭވުންތައް ރޭވިއެވެ. اللَّه، (އެއުރެންގެ ރޭވުންތައް باطل ކުރައްވައި، އެއުރެންނަށް ކެހިލިބޭނެގޮތަށް) تدبير ކުރެއްވިއެވެ. اللَّه އީ، މަކަރުވެރިންނަށްވުރެ تدبير ކުރެއްވުން މޮޅު ރަސްކަލާނގެއެވެ.


إِذۡ قَالَ ٱللَّهُ يَٰعِيسَىٰٓ إِنِّي مُتَوَفِّيكَ وَرَافِعُكَ إِلَيَّ وَمُطَهِّرُكَ مِنَ ٱلَّذِينَ كَفَرُواْ وَجَاعِلُ ٱلَّذِينَ ٱتَّبَعُوكَ فَوۡقَ ٱلَّذِينَ كَفَرُوٓاْ إِلَىٰ يَوۡمِ ٱلۡقِيَٰمَةِۖ ثُمَّ إِلَيَّ مَرۡجِعُكُمۡ فَأَحۡكُمُ بَيۡنَكُمۡ فِيمَا كُنتُمۡ فِيهِ تَخۡتَلِفُونَ

اللَّه، وحى ކުރެއްވިހިނދު ހަނދުމަކުރާށެވެ! އޭ عيسى ގެފާނެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނު ގެންދަވާހުށީމެވެ. އަދި، ތިމަންރަސްކަލާނގެ حضرة އަށް ކަލޭގެފާނު އުފުއްލަވާ ހުށީމެވެ. އަދި، كافر ވި މީހުންގެ ކިބައިން ކަލޭގެފާނު ދުރުކުރައްވައި ސަލާމަތްކުރައްވާ ހުށީމެވެ. އަދި، كافر ވި މީހުންނަށްވުރެ ކަލޭގެފާނަށް تبع ވި މީހުން قيامة ދުވަހާ ޖެހެންދެން މަތިވެރިކުރައްވާހުށީމެވެ. ދެން، ތިޔަބައިމީހުން އެނބުރި رجوع ވުންވަނީ، ތިމަންރަސްކަލާނގެ حضرة އަށެވެ. ދެން، ތިޔަބައިމީހުން خلاف ވެއުޅުނު ކަންތަކާމެދު، ތިޔަބައިމީހުންގެ މެދުގައި ތިމަންރަސްކަލާނގެ حكم ކުރައްވާހުށީމެވެ.



الصفحة التالية
Icon