وَإِذۡ صَرَفۡنَآ إِلَيۡكَ نَفَرٗا مِّنَ ٱلۡجِنِّ يَسۡتَمِعُونَ ٱلۡقُرۡءَانَ فَلَمَّا حَضَرُوهُ قَالُوٓاْ أَنصِتُواْۖ فَلَمَّا قُضِيَ وَلَّوۡاْ إِلَىٰ قَوۡمِهِم مُّنذِرِينَ

ތިމަންރަސްކަލާނގެ ޖިންނީންގެ ތެރެއިންބަޔަކު، قرآن ގެ އަޑުއެހުމަށް ކަލޭގެފާނުގެ އަރިހަށް ފޮނުއްވިހިނދު ހަނދުމަކުރައްވާށެވެ! ފަހެ، އެއުރެން، އެކަލޭގެފާނުގެ އަރިހަށް حاضر ވިހިނދު (އެކަކު އަނެކަކަށް) ބުނޫއެވެ. ތިޔަބައިމީހުން ކަނުލައި އަހައިބަލާށެވެ! ދެންފަހެ ކިޔަވައިވިދާޅުވެ ނިމުމުން އެއުރެން، އެއުރެންގެ قوم ގެމީހުންގެ ގާތަށް إنذار ކުރާ ބަޔެއްގެގޮތުގައި އެނބުރި ހިނގައްޖައޫއެވެ.


قَالُواْ يَٰقَوۡمَنَآ إِنَّا سَمِعۡنَا كِتَٰبًا أُنزِلَ مِنۢ بَعۡدِ مُوسَىٰ مُصَدِّقٗا لِّمَا بَيۡنَ يَدَيۡهِ يَهۡدِيٓ إِلَى ٱلۡحَقِّ وَإِلَىٰ طَرِيقٖ مُّسۡتَقِيمٖ

އެއުރެން ބުނޫއެވެ. އޭ އަހުރެމެންގެ قوم ގެމީހުންނޭވެ! ހަމަކަށަވަރުން، موسى ގެފާނަށްފަހު، ބާވައިލެއްވެވި ފޮތެއް އަހުރެމެން އަހައިފީމުއެވެ. އޭގެކުރީގެ ފޮތްތައް ތެދުކުރަނިވި ގޮތުގައެވެ. حق ގޮތަށާއި، ސީދާވެގެންވާ ތެދުމަގަށް އެފޮތް މަގުދައްކަަތެވެ.


يَٰقَوۡمَنَآ أَجِيبُواْ دَاعِيَ ٱللَّهِ وَءَامِنُواْ بِهِۦ يَغۡفِرۡ لَكُم مِّن ذُنُوبِكُمۡ وَيُجِرۡكُم مِّنۡ عَذَابٍ أَلِيمٖ

އޭ އަހުރެމެންގެ قوم ގެމީހުންނޭވެ! اللَّه ގެ މަގަށް ގޮވައިލައްވާ ނަބިއްޔާއަށް (އެބަހީ: محمد ގެފާނަށް) ތިޔަބައިމީހުން އިޖާބަދޭށެވެ! އަދި ތިޔަބައިމީހުން އެކަލޭގެފާނަށް إيمان ވާށެވެ! (އޭރުން) އެކަލާނގެ ތިޔަބައިމީހުންގެ ފާފަތައްފުއްސަވައި، ވޭންދެވިނި عذاب ން އެކަލާނގެ ތިޔަބައިމީހުން ދިންނަވާނެތެވެ.



الصفحة التالية
Icon