مَا يُبَدَّلُ ٱلۡقَوۡلُ لَدَيَّ وَمَآ أَنَا۠ بِظَلَّـٰمٖ لِّلۡعَبِيدِ
ތިމަންރަސްކަލާނގެ حضرة ގައި وعيد ގެ ބަސްފުޅު ބަދަލުވުމެއްނެތެވެ. އަދި ތިމަންރަސްކަލާނގެއީ، އަޅުތަކުންނަށް އަނިޔާވެރިވެވޮޑިގެންވާ ކަލަކުކަމުގައި ނުވަމެވެ.
يَوۡمَ نَقُولُ لِجَهَنَّمَ هَلِ ٱمۡتَلَأۡتِ وَتَقُولُ هَلۡ مِن مَّزِيدٖ
އެދުވަހަކީ، ތިމަންރަސްކަލާނގެ، ނަރަކަޔަށް، ކަލޭ ފުރިއްޖެހޭ وحى ކުރައްވާނޭ ދުވަހެވެ. އަދި އެ ނަރަކަ، ދެން އިތުރަކަށް ނެތްތޯއޭ ދަންނަވާނޭ ދުވަހެވެ.
وَأُزۡلِفَتِ ٱلۡجَنَّةُ لِلۡمُتَّقِينَ غَيۡرَ بَعِيدٍ
އަދި تقوى ވެރިންނަށް ސުވަރުގެ، ދުރުނޫން ހިސާބަކަށް ކައިރި ކުރައްވާނެތެވެ.
هَٰذَا مَا تُوعَدُونَ لِكُلِّ أَوَّابٍ حَفِيظٖ
(އަދި އަންގަވާނެތެވެ.) މިއީ ތިޔަބައިމީހުންނަށް وعد ކުރައްވާ ކަންތަކެވެ. (އެކަންއޮތީ) اللَّه ގެ حضرة އަށް ގިނަގިނައިން رجوع ވާ، އަދި އެކަލާނގެ عهد ތަކަށް ރައްކާތެރިވާ ކޮންމެ މީހަކަށެވެ.
مَّنۡ خَشِيَ ٱلرَّحۡمَٰنَ بِٱلۡغَيۡبِ وَجَآءَ بِقَلۡبٖ مُّنِيبٍ
(އެއީ) رحمن ވަންތަ ރަސްކަލާނގެއަށް غيب ގައި ބިރުވެތިވެ، އަދި އެކަލާނގެ حضرة އަށް توبة ވާ ހިތަކާއިގެން އައި (ކޮންމެ) މީހެކެވެ.
ٱدۡخُلُوهَا بِسَلَٰمٖۖ ذَٰلِكَ يَوۡمُ ٱلۡخُلُودِ
(تقوى ވެރިންނަށް އަންގަވާނެތެވެ.) ތިޔަބައިމީހުން أمان ކަމާއެކު އެ ސުވަރުގެޔަށް ވަންނާށެވެ! އެއީ އަބަދަށް ދެމިތިބުމުގެ ދުވަހެވެ.