فَٰكِهِينَ بِمَآ ءَاتَىٰهُمۡ رَبُّهُمۡ وَوَقَىٰهُمۡ رَبُّهُمۡ عَذَابَ ٱلۡجَحِيمِ

(އެއުރެން އެ ސުވަރުގެތަކުގައި ތިބޭހުށީ) އެއުރެންގެ ވެރިރަސްކަލާނގެ އެއުރެންނަށް ދެއްވި ތަކެތިން މީރުކަން ލިބިލިބިއެވެ. އަދި އެއުރެންގެ ވެރިރަސްކަލާނގެ، ނަރަކައިގެ عذاب ން އެއުރެން ދިންނެވިއެވެ.


كُلُواْ وَٱشۡرَبُواْ هَنِيٓـَٔۢا بِمَا كُنتُمۡ تَعۡمَلُونَ

(އަދި އަންގަވާނެތެވެ.) ތިޔަބައިމީހުން ކޮށްއުޅުނު ކަންތަކުގެ ސަބަބުން، އަރާމުލިބެނިވިގޮތުގައި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ!


مُتَّكِـِٔينَ عَلَىٰ سُرُرٖ مَّصۡفُوفَةٖۖ وَزَوَّجۡنَٰهُم بِحُورٍ عِينٖ

(އެއުރެން ތިބޭނީ) އެތުރިފައިވާ ދާންތަކެއްގެ މަތީގައި ލެނގިލައިގެންވާ حال ގައެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންނަށް حورالعين ން އަނބިކޮށްދެއްވީމެވެ.


وَٱلَّذِينَ ءَامَنُواْ وَٱتَّبَعَتۡهُمۡ ذُرِّيَّتُهُم بِإِيمَٰنٍ أَلۡحَقۡنَا بِهِمۡ ذُرِّيَّتَهُمۡ وَمَآ أَلَتۡنَٰهُم مِّنۡ عَمَلِهِم مِّن شَيۡءٖۚ كُلُّ ٱمۡرِيِٕۭ بِمَا كَسَبَ رَهِينٞ

އަދި إيمان ވިމީހުން އެއުރެންގެ ދަރިން إيمان ވުމާއެކު، އެއުރެންނަށް تبع ވުމުން، އެއުރެންގެ ދަރިންވެސް ތިމަންރަސްކަލާނގެ އެއުރެންނާ އެއްދަރަޖައިގައި (ސުވަރުގޭގައި) ލައްވާހުށީމެވެ. އަދި އެއުރެންގެ عمل އަކުން އެއްވެސް އެއްޗެއް ތިމަންރަސްކަލާނގެ އުންޏެއް ނުކުރައްވާހުށީމެވެ. ކޮންމެމީހަކީވެސް އެމީހަކު ހޯދި عمل އަކަށް ކަނޑައަޅުއްވާފައިވާ ޖަޒާލިބޭނޭ މީހެކެވެ.



الصفحة التالية
Icon