يَوۡمَ لَا يُغۡنِي عَنۡهُمۡ كَيۡدُهُمۡ شَيۡـٔٗا وَلَا هُمۡ يُنصَرُونَ
(އެއީ) އެއުރެންގެ މަކަރުވެރި ރޭވުން، އެއުރެންނަށް އެއްވެސްކަމެއް ފުއްދައިނުދޭ، އަދި އެއުރެންނަށް نصر ވެރިކަމެއްވިޔަސް ނުލިބޭ ދުވަހެވެ.
وَإِنَّ لِلَّذِينَ ظَلَمُواْ عَذَابٗا دُونَ ذَٰلِكَ وَلَٰكِنَّ أَكۡثَرَهُمۡ لَا يَعۡلَمُونَ
ހަމަކަށަވަރުން، އަނިޔާވެރިވީ މީހުންނަށް (ދުނިޔޭގެ) عذاب ގެ އިތުރަށް عذاب ހުށްޓެވެ. އެހެނެއްކަމަކު އެއުރެންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ.
وَٱصۡبِرۡ لِحُكۡمِ رَبِّكَ فَإِنَّكَ بِأَعۡيُنِنَاۖ وَسَبِّحۡ بِحَمۡدِ رَبِّكَ حِينَ تَقُومُ
ކަލޭގެފާނުގެ ވެރިރަސްކަލާނގެ حكم ފުޅަށް ކެތްކުރައްވާށެވެ! ފަހެ، ހަމަކަށަވަރުން، ކަލޭގެފާނުވަނީ ތިމަންރަސްކަލާނގެ ބެއްލެވުމުގެ ދަށުގައެވެ. އަދި ކަލޭގެފާނު ތެދުވެވަޑައިގަންނަވާހިނދު ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް حمد އާއެކު تسبيح ވިދާޅުވާށެވެ!
وَمِنَ ٱلَّيۡلِ فَسَبِّحۡهُ وَإِدۡبَٰرَ ٱلنُّجُومِ
އަދި ރޭގަނޑުން ބައެއްގައްޔާއި، ތަރިތައް އޮއްސޭހިނދު، ކަލޭގެފާނު އެކަލާނގެއަށް تسبيح ވިދާޅުވާށެވެ!