يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِذَا تَنَٰجَيۡتُمۡ فَلَا تَتَنَٰجَوۡاْ بِٱلۡإِثۡمِ وَٱلۡعُدۡوَٰنِ وَمَعۡصِيَتِ ٱلرَّسُولِ وَتَنَٰجَوۡاْ بِٱلۡبِرِّ وَٱلتَّقۡوَىٰۖ وَٱتَّقُواْ ٱللَّهَ ٱلَّذِيٓ إِلَيۡهِ تُحۡشَرُونَ

އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ސައްލާއެއް ކުރާހިނދު ފަހެ، ފާފަވެރިކަމާއި، عداوة ތެރިކަމާއި، رسول އާއަށް ނުކިޔަމަންތެރިވުމަށް ތިޔަބައިމީހުން ސައްލާނުކުރާ ހުށިކަމެވެ! އަދި ހެޔޮކަންތައް ކުރުމާއި، تقوى ވެރިވުމަށް ތިޔަބައިމީހުން ސައްލާކުރާށެވެ! އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! ތިޔަބައިމީހުން محشر ކުރައްވާހުށީ، ހަމައެކަލާނގެ حضرة އަށެވެ.


إِنَّمَا ٱلنَّجۡوَىٰ مِنَ ٱلشَّيۡطَٰنِ لِيَحۡزُنَ ٱلَّذِينَ ءَامَنُواْ وَلَيۡسَ بِضَآرِّهِمۡ شَيۡـًٔا إِلَّا بِإِذۡنِ ٱللَّهِۚ وَعَلَى ٱللَّهِ فَلۡيَتَوَكَّلِ ٱلۡمُؤۡمِنُونَ

إيمان ވި މީހުންނަށް ހިތާމަ ދިނުމަށްޓަކައި ސިއްރު ސައްލާކޮށް އުޅުމަކީ شيطان އާގެ ކިބައިން ވާކަމެއްކަން ކަށަވަރެވެ. އަދި اللَّه ގެ إذن ފުޅާލައިގެން މެނުވީ، އެ شيطان އާއަކަށް އެއްވެސްކަމަކުން އެއުރެންނަކަށް ގެއްލުމެއް ނުދެވޭނެތެވެ. ފަހެ، مؤمن ތަކުން ހަމައެކަނި اللَّه އަށް وكيل ކުރާހުށިކަމެވެ.


يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِذَا قِيلَ لَكُمۡ تَفَسَّحُواْ فِي ٱلۡمَجَٰلِسِ فَٱفۡسَحُواْ يَفۡسَحِ ٱللَّهُ لَكُمۡۖ وَإِذَا قِيلَ ٱنشُزُواْ فَٱنشُزُواْ يَرۡفَعِ ٱللَّهُ ٱلَّذِينَ ءَامَنُواْ مِنكُمۡ وَٱلَّذِينَ أُوتُواْ ٱلۡعِلۡمَ دَرَجَٰتٖۚ وَٱللَّهُ بِمَا تَعۡمَلُونَ خَبِيرٞ

އޭ إيمان ވެއްޖެ މީސްތަކުންނޭވެ! مجلس ތަކުގައި ތަންދިނުމަށް ތިޔަބައިމީހުންނަށް ބުނެފިނަމަ، ފަހެ، ތިޔަބައިމީހުން ތަންދޭހުށިކަމެވެ! އޭރުން اللَّه ތިޔަބައިމީހުންނަށް ތަނަވަސްކަން ދެއްވާނެތެވެ. އަދި ތިޔަބައިމީހުންގެ ގާތުގައި ތެދުވާށޭ ބުނެފިނަމަ، ފަހެ، ތިޔަބައިމީހުން (مجلس ން) ތެދުވާހުށިކަމެވެ! ތިޔަބައިމީހުންގެ ތެރެއިން إيمان ވިި މީހުންނާއި، علم ލިބިގެންވާމީހުން اللَّه ދަރަޖަތަކަކަށް އުފުއްލަވާނެތެވެ. اللَّه އީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.



الصفحة التالية
Icon