لَوۡ أَنزَلۡنَا هَٰذَا ٱلۡقُرۡءَانَ عَلَىٰ جَبَلٖ لَّرَأَيۡتَهُۥ خَٰشِعٗا مُّتَصَدِّعٗا مِّنۡ خَشۡيَةِ ٱللَّهِۚ وَتِلۡكَ ٱلۡأَمۡثَٰلُ نَضۡرِبُهَا لِلنَّاسِ لَعَلَّهُمۡ يَتَفَكَّرُونَ
ތިމަންރަސްކަލާނގެ ފަރުބަދައެއްގެ މައްޗަށް މި قرآن ބާވައިލެއްވިނަމަ، ހަމަކަށަވަރުން، އެ ފަރުބަދައެއް اللَّه އަށް ބިރުވެތިވުމުގެ ސަބަބުން ކުނޑިކުނޑިވެގެން ތިރިވާތީ ތިބާއަށް ފެނުނީހެވެ. އަދި އެ مثال ތައް މީސްތަކުންނަށް ތިމަންރަސްކަލާނގެ ޖައްސަވަނީ، އެއުރެން فكر ކުރުމަށްޓަކައެވެ.
هُوَ ٱللَّهُ ٱلَّذِي لَآ إِلَٰهَ إِلَّا هُوَۖ عَٰلِمُ ٱلۡغَيۡبِ وَٱلشَّهَٰدَةِۖ هُوَ ٱلرَّحۡمَٰنُ ٱلرَّحِيمُ
އެކަލާނގެއީ، اللَّه އެވެ. އެކަލާނގެއީ، އެކަލާނގެ ފިޔަވައި حق ވެގެން އަޅުކަމެއްވެވޭ إله އަކު ނުވާ ރަސްކަލާނގެއެވެ. ނުފެންނަ ކަންތަކާއި، ފެންނަ ކަންތައް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. އެކަލާނގެއީ، رحمن ވަންތަ، رحيم ވަންތަ ރަސްކަލާނގެއެވެ.
هُوَ ٱللَّهُ ٱلَّذِي لَآ إِلَٰهَ إِلَّا هُوَ ٱلۡمَلِكُ ٱلۡقُدُّوسُ ٱلسَّلَٰمُ ٱلۡمُؤۡمِنُ ٱلۡمُهَيۡمِنُ ٱلۡعَزِيزُ ٱلۡجَبَّارُ ٱلۡمُتَكَبِّرُۚ سُبۡحَٰنَ ٱللَّهِ عَمَّا يُشۡرِكُونَ
އެކަލާނގެއީ، اللَّه އެވެ. އެކަލާނގެއީ، އެކަލާނގެ ފިޔަވައި حق ވެގެން އަޅުކަމެއްވެވޭ إله އަކު ނުވާ ރަސްކަލާނގެއެވެ. ރަސްވަންތަ ރަސްކަލާނގެއެވެ. طاهر ވަންތަ ރަސްކަލާނގެއެވެ. ހުރިހާ އުނިކަމަކުން ހުސްދުރުވެވޮޑިގެންވާ ރަސްކަލާނގެއެވެ. أمان ކަން ދެއްވާ ރަސްކަލާނގެއެވެ. ހުރިހާ އެއްޗެއް ރައްކާތެރިކުރައްވައި ބަލަހައްޓަވާ ރަސްކަލާނގެއެވެ. عزيز ވަންތަ ރަސްކަލާނގެއެވެ. جبّار ވަންތަ ރަސްކަލާނގެއެވެ. عظمة ތެރިވަންތަ ރަސްކަލާނގެއެވެ. އެއުރެން شريك ކުރާ ތަކެތިން اللَّه ހުސްطاهر ވަންތަވެވޮޑިގެންވެތެވެ.