رَبَّنَا لَا تَجۡعَلۡنَا فِتۡنَةٗ لِّلَّذِينَ كَفَرُواْ وَٱغۡفِرۡ لَنَا رَبَّنَآۖ إِنَّكَ أَنتَ ٱلۡعَزِيزُ ٱلۡحَكِيمُ
އަޅަމެންގެ ވެރިރަސްކަލާކޮ! كافر ވި މީހުންނަށް ފިތުނައެއް ކަމުގައި އަޅަމެން ނުލައްވާނދޭވެ! އަދި އަޅަމެންނަށް ފާފަފުއްސަވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ.
لَقَدۡ كَانَ لَكُمۡ فِيهِمۡ أُسۡوَةٌ حَسَنَةٞ لِّمَن كَانَ يَرۡجُواْ ٱللَّهَ وَٱلۡيَوۡمَ ٱلۡأٓخِرَۚ وَمَن يَتَوَلَّ فَإِنَّ ٱللَّهَ هُوَ ٱلۡغَنِيُّ ٱلۡحَمِيدُ
އެބޭކަލުންގައި ތިޔަބައިމީހުންނަށް ރިވެތި ނަމޫނާއެއް ވާކަން ކަށަވަރެވެ. اللَّه އާއި، آخرة ދުވަސް އެދޭކަމުގައިވީ މީހަކަށެވެ. އަދި ފުރަގަސްދީ އެނބުރިގަންނަ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّه އީ، ފުދިވޮޑިގެންވާ، حمد ލިބިވޮޑިގެންވާ ރަސްކަލާނގެއެވެ.
۞عَسَى ٱللَّهُ أَن يَجۡعَلَ بَيۡنَكُمۡ وَبَيۡنَ ٱلَّذِينَ عَادَيۡتُم مِّنۡهُم مَّوَدَّةٗۚ وَٱللَّهُ قَدِيرٞۚ وَٱللَّهُ غَفُورٞ رَّحِيمٞ
އެއުރެންކުރެ ތިޔަބައިމީހުން عداوة ތެރިވި މީހުންނާއި، ތިޔަބައިމީހުންނާ ދެމެދުގައި اللَّه އެކުވެރިކަން ލައްވައިފާށިއެވެ! اللَّه އީ، ކުޅަދުންވަންތަ ރަސްކަލާނގެއެވެ. އަދި اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ.
لَّا يَنۡهَىٰكُمُ ٱللَّهُ عَنِ ٱلَّذِينَ لَمۡ يُقَٰتِلُوكُمۡ فِي ٱلدِّينِ وَلَمۡ يُخۡرِجُوكُم مِّن دِيَٰرِكُمۡ أَن تَبَرُّوهُمۡ وَتُقۡسِطُوٓاْ إِلَيۡهِمۡۚ إِنَّ ٱللَّهَ يُحِبُّ ٱلۡمُقۡسِطِينَ
ތިޔަބައިމީހުންގެ دين އާހުރެ، ތިޔަބައިމީހުންނާ ހަނގުރާމަނުކުރާ، އަދި ތިޔަބައިމީހުންގެ ގޮވަތި ގެދޮރުން ތިޔަބައިމީހުން ބޭރުކޮށްނުލާ މީހުންނަށް ތިޔަބައިމީހުން ހެޔޮކޮށްހިތައި، އަދި އެއުރެންނަށް عدل ވެރިގޮތުގައި ކަންތައް ކުރުން، اللَّه ތިޔަބައިމީހުންނަކަށް މަނައެއް ނުކުރައްވަތެވެ. ހަމަކަށަވަރުން، عدل ވެރިންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ.