يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَتَّخِذُواْ بِطَانَةٗ مِّن دُونِكُمۡ لَا يَأۡلُونَكُمۡ خَبَالٗا وَدُّواْ مَا عَنِتُّمۡ قَدۡ بَدَتِ ٱلۡبَغۡضَآءُ مِنۡ أَفۡوَٰهِهِمۡ وَمَا تُخۡفِي صُدُورُهُمۡ أَكۡبَرُۚ قَدۡ بَيَّنَّا لَكُمُ ٱلۡأٓيَٰتِۖ إِن كُنتُمۡ تَعۡقِلُونَ
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ނޫން މީހުންގެ ތެރެއިން ގާތް އެކުވެރިން ތިޔަބައިމީހުން ނުހޯދާށެވެ! (އެހެނީ) ތިޔަބައިމީހުންގެ ކަންތައް فساد ކުރުމުގައި، އެއުރެން ދުލެއް ނުދޭނެއެވެ. އެއުރެން އެދެނީ، ތިޔަބައިމީހުންނަށް ދަތިވެ އުނދަގޫވުމެވެ. ހަމަކަށަވަރުން، އެއުރެންގެ އަނގައިން ފާޅުވީ ރުޅިވެރިކަމެވެ. އަދި، އެއުރެންގެ ހިތްތަކުގައި ފޮރުވިފައިވާ ކަންތައް މާބޮޑެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށްޓަކައި، آية ތައް ބަޔާންކޮށް ދެއްވީމެވެ. ތިޔަބައިމީހުން ވިސްނާ ބަޔަކުކަމުގައި ވީނަމައެވެ.
هَـٰٓأَنتُمۡ أُوْلَآءِ تُحِبُّونَهُمۡ وَلَا يُحِبُّونَكُمۡ وَتُؤۡمِنُونَ بِٱلۡكِتَٰبِ كُلِّهِۦ وَإِذَا لَقُوكُمۡ قَالُوٓاْ ءَامَنَّا وَإِذَا خَلَوۡاْ عَضُّواْ عَلَيۡكُمُ ٱلۡأَنَامِلَ مِنَ ٱلۡغَيۡظِۚ قُلۡ مُوتُواْ بِغَيۡظِكُمۡۗ إِنَّ ٱللَّهَ عَلِيمُۢ بِذَاتِ ٱلصُّدُورِ
ތިޔަބައިމީހުން، އެއުރެންދެކެ ތިޔަ ލޯބިވަނީއެވެ. ތިޔަބައިމީހުން، ހުރިހައި ފޮތަކަށް إيمان ވެގެން ތިބޭއިރުވެސް، އެއުރެން ތިޔަބައިމީހުންދެކެ ލޯތްބެއް ނުވެތެވެ. އަދި، އެއުރެން ތިޔަބައިމީހުންނާ ބައްދަލުވެއްޖެ ހިނދަކު، ތިމަންމެން إيمان ވެއްޖައީމުއޭ ބުނެތެވެ. އަދި، އެއުރެން އެކަހެރިވެއްޖެނަމަ، ތިޔަބައިމީހުންދެކެ އަންނަ ރުޅިން އިނގިލިކުރިތަކުގައި ދައިގަނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ރުޅިއައިސްގެން މަރުވާށެވެ! ހަމަކަށަވަރުން، اللَّه އީ، ހިތްތަކުގައިވާހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.