لِيَقۡطَعَ طَرَفٗا مِّنَ ٱلَّذِينَ كَفَرُوٓاْ أَوۡ يَكۡبِتَهُمۡ فَيَنقَلِبُواْ خَآئِبِينَ
(އެއީ) كافر ވި މީހުންގެ ތެރެއިން ބަޔަކު، ނެތިކުރެއްވުމަށްޓަކައެވެ. ނުވަތަ، އެއުރެން ބަލިކުރައްވައި ނިކަމެތި ކުރެއްވުމަށްޓަކައެވެ. ފަހެ، (އެހިނދު) އެއުރެން ބޭނުންކަންތައް ނުވެ ހިތާމަކުރާ حال އެނބުރި ހިނގައިދެތެވެ.
لَيۡسَ لَكَ مِنَ ٱلۡأَمۡرِ شَيۡءٌ أَوۡ يَتُوبَ عَلَيۡهِمۡ أَوۡ يُعَذِّبَهُمۡ فَإِنَّهُمۡ ظَٰلِمُونَ
(އެއުރެންގެ) ކަންތަކުގެ ތެރެއިން އެއްވެސްކަމެއް، ކަލޭގެފާނަކަށް މިލްކުވެގެނެއް ނުވެއެވެ. (އެކަންއޮތީ ހަމައެކަނި اللَّه އަށެވެ.) އެކަލާނގެ (އިރާދަކުރައްވާނަމަ) އެއުރެންގެ މައްޗަށް، توبة ލައްވައިފާނެތެވެ. ނުވަތަ، އެއުރެންނަށް عذاب ދެއްވައިފާނެތެވެ. ފަހެ، ހަމަކަށަވަރުން، އެއުރެންނީ އަނިޔާވެރިންނެވެ.
وَلِلَّهِ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۚ يَغۡفِرُ لِمَن يَشَآءُ وَيُعَذِّبُ مَن يَشَآءُۚ وَٱللَّهُ غَفُورٞ رَّحِيمٞ
އުޑުތަކާއި، ބިމުގައި ވާހާ އެއްޗެއް މިލްކުވެގެންވަނީ، اللَّه އަށެވެ. އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފާފަފުއްސަވަތެވެ. އަދި، އެކަލާނގެ އިރާދަކުރައްވާ މީހަކަށް عذاب ދެއްވަތެވެ. اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ.
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَأۡكُلُواْ ٱلرِّبَوٰٓاْ أَضۡعَٰفٗا مُّضَٰعَفَةٗۖ وَٱتَّقُواْ ٱللَّهَ لَعَلَّكُمۡ تُفۡلِحُونَ
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ގިނަގުނަވެގެންވާ ގުނަތަކެއްގެ ގޮތުގައި ތިޔަބައިމީހުން رِبا ނުކާށެވެ! އަދި، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އެއީ، ތިޔަބައިމީހުން ދިންނަވައި نصيب ލިބުމަށްޓަކައެވެ. (ނޯޓު: މި آية ގައި ގިނަގުނަވެގެންވާ ގުނަތަކެއްގެ ގޮތުގައި رِبا ނުކެއުމަށް އެންގެވުމަކުން، އެނޫންގޮތެއްގައި رِبا ކެއުން ހުއްދައެއް ނުވެއެވެ.)