وَلَقَدۡ صَدَقَكُمُ ٱللَّهُ وَعۡدَهُۥٓ إِذۡ تَحُسُّونَهُم بِإِذۡنِهِۦۖ حَتَّىٰٓ إِذَا فَشِلۡتُمۡ وَتَنَٰزَعۡتُمۡ فِي ٱلۡأَمۡرِ وَعَصَيۡتُم مِّنۢ بَعۡدِ مَآ أَرَىٰكُم مَّا تُحِبُّونَۚ مِنكُم مَّن يُرِيدُ ٱلدُّنۡيَا وَمِنكُم مَّن يُرِيدُ ٱلۡأٓخِرَةَۚ ثُمَّ صَرَفَكُمۡ عَنۡهُمۡ لِيَبۡتَلِيَكُمۡۖ وَلَقَدۡ عَفَا عَنكُمۡۗ وَٱللَّهُ ذُو فَضۡلٍ عَلَى ٱلۡمُؤۡمِنِينَ
ހަމަކަށަވަރުން اللَّه، ތިޔަބައިމީހުންނަށް، އެކަލާނގެ وعد ފުޅު ފުއްދަވައި ދެއްވިއެވެ. އެކަލާނގެ إذن ފުޅާލައިގެން ތިޔަބައިމީހުން އެ كافر ން قتل ކޮށް ނެތިކުރަމުން ދިޔަހިނދުގައެވެ. ތިޔަބައިމީހުން ހިތްއެދޭ ކަންތައް ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ދެއްކެވުމަށްފަހު، ތިޔަބައިމީހުން އުރެދި، އަދި (رسول އާ އެންގެވި) ކަންތަކުގައި ތިޔަބައިމީހުން ދެބަސްވެ، ފިނޑިވެއްޖައުމަށް ދާނދެނެވެ. ތިޔަބައިމީހުންގެ ތެރޭގައި ދުނިޔެ އެދޭ މީހުންވެއެވެ. އަދި، ތިޔަބައިމީހުންގެ ތެރޭގައި آخرة އެދޭމީހުންވެސްވެއެވެ. ދެން، އެ كافر ންގެ ކިބައިން ތިޔަބައިމީހުން އެއްކިބާ ކުރެއްވިއެވެ. އެއީ، ތިޔަބައިމީހުން امتحان ކުރެއްވުމަށްޓަކައެވެ. އަދި، ހަމަކަށަވަރުން އެކަލާނގެ ތިޔަބައިމީހުންނަށް عفو ކުރެއްވިއެވެ. اللَّه އީ، مؤمن ތަކުންގެ މައްޗަށް فضل ވަންތަވެރި ރަސްކަލާނގެއެވެ.
۞إِذۡ تُصۡعِدُونَ وَلَا تَلۡوُۥنَ عَلَىٰٓ أَحَدٖ وَٱلرَّسُولُ يَدۡعُوكُمۡ فِيٓ أُخۡرَىٰكُمۡ فَأَثَٰبَكُمۡ غَمَّۢا بِغَمّٖ لِّكَيۡلَا تَحۡزَنُواْ عَلَىٰ مَا فَاتَكُمۡ وَلَا مَآ أَصَٰبَكُمۡۗ وَٱللَّهُ خَبِيرُۢ بِمَا تَعۡمَلُونَ
(އެއީ) ތިޔަބައިމީހުން އެކަކަށްވެސް އެނބުރި ބަލައިނުލައި ދުރަށްދިޔަ ހިނދުގައެވެ. ތިޔަބައިމީހުންގެ ފަހަތުން رسول އާ ތިޔަބައިމީހުންނަށް ގޮވާލައްވާ حال ގައެވެ. ދެން، މޮޅިވެރިކަމަކާ ވިދިގެން މޮޅިވެރިކަމަކުން ތިޔަބައިމީހުންނަށް ޖަޒާ ދެއްވިއެވެ. (އެއީ) ތިޔަބައިމީހުންނަށް (غنيمة އިން) ފާއިތުވީ އެއްޗެއްގެ މައްޗަށާއި، ތިޔަބައިމީހުންނަށް ޖެހުނު ކަންތަކުގެ މައްޗަށް ތިޔަބައިމީހުން ހިތާމަ ނުކުރުމަށްޓަކައެވެ. اللَّه އީ، ތިޔަބައިމީހުން ކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.