وَٱلَّيۡلِ وَمَا وَسَقَ
އަދި ރޭގަނޑާއި، އެ ރޭގަނޑު އެއްކުޅަހާ ތަކެތި ގަންދެއްވަމެވެ.
وَٱلۡقَمَرِ إِذَا ٱتَّسَقَ
އަދި ހަނދުގެ އަލިކަން ފުރިހަމަވާހިނދު، އެ ހަނދު ގަންދެއްވަމެވެ.
لَتَرۡكَبُنَّ طَبَقًا عَن طَبَقٖ
ހަމަކަށަވަރުން، ތިޔަބައިމީހުން އެއް حالة އަކަށްފަހު، އަނެއް حالة އަކަށް ބަދަލުވަމުން ދާނޭކަން ކަށަވަރެވެ.
فَمَا لَهُمۡ لَا يُؤۡمِنُونَ
އެއުރެން إيمان ނުވަނީ ފަހެ، އެއުރެންނަށް ކީއްވެގެން ހެއްޔެވެ؟
وَإِذَا قُرِئَ عَلَيۡهِمُ ٱلۡقُرۡءَانُ لَا يَسۡجُدُونَۤ۩
އަދި އެއުރެންނަށް قرآن ކިޔަވައިދެވޭހިނދު، އެއުރެން سجدة އެއް ނުކުރެތެވެ.
بَلِ ٱلَّذِينَ كَفَرُواْ يُكَذِّبُونَ
އަދި ކިއެއްތަ! كافر ވި މީހުން (އެ قرآن) ދޮގުކުރޫއެވެ.
وَٱللَّهُ أَعۡلَمُ بِمَا يُوعُونَ
އަދި އެއުރެންގެ ހިތްތަކުގައި ފޮރުވާފައިވާ ކަންތައް، اللَّه ދެނެވޮޑިގަތުން ބޮޑެވެ.
فَبَشِّرۡهُم بِعَذَابٍ أَلِيمٍ
ފަހެ، ވޭންދެނިވި عذاب ހުރިކަމުގެ ވާހަކައިން ކަލޭގެފާނު އެއުރެންނަށް خبر ދެއްވާށެވެ!
إِلَّا ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ لَهُمۡ أَجۡرٌ غَيۡرُ مَمۡنُونِۭ
إيمان ވެ صالح عمل ތައް ކުޅަމީހުން މެނުވީއެވެ. އެއުރެންނަށް ކެނޑިގެންނުދާނޭ ދަރުމަހުށްޓެވެ.