إِن يَنصُرۡكُمُ ٱللَّهُ فَلَا غَالِبَ لَكُمۡۖ وَإِن يَخۡذُلۡكُمۡ فَمَن ذَا ٱلَّذِي يَنصُرُكُم مِّنۢ بَعۡدِهِۦۗ وَعَلَى ٱللَّهِ فَلۡيَتَوَكَّلِ ٱلۡمُؤۡمِنُونَ
اللَّه، ތިޔަބައިމީހުންނަށް نصر ދެއްވާނަމަ، ފަހެ، ތިޔަބައިމީހުން ބަލިކުރާނޭ އެއްވެސް ފަރާތެއްނެތެވެ. އަދި، އެކަލާނގެ ތިޔަބައިމީހުން ދެރަކުރައްވާނަމަ، އެއަށްފަހު ތިޔަބައިމީހުންނަށް نصر ދޭނީ ފަހެ، ކާކުހެއްޔެވެ؟ އަދި، ހަމައެކަނި اللَّه އަށް مؤمن ން وكيل ކުރާހުށިކަމެވެ!
وَمَا كَانَ لِنَبِيٍّ أَن يَغُلَّۚ وَمَن يَغۡلُلۡ يَأۡتِ بِمَا غَلَّ يَوۡمَ ٱلۡقِيَٰمَةِۚ ثُمَّ تُوَفَّىٰ كُلُّ نَفۡسٖ مَّا كَسَبَتۡ وَهُمۡ لَا يُظۡلَمُونَ
(غنيمة) މުދަލަށް خيانة ތެރިވުމަކީ، ނަބީބޭކަލަކަށް އޮތްކަމެއް ނޫނެވެ. އަދި، މުދަލަށް خيانة ތެރިވާ މީހާ އެމީހަކު خيانة ތެރިވި ތަކެއްޗާއިގެން قيامة ދުވަހުން (އެކަލާނގެ حضرة އަށް) އަންނާނެތެވެ. ދެން، ކޮންމެ نفس އަކަށްމެ އެ نفس އެއް ހޯދިކަމެއް (ގެ ޖަޒާ) ފުރިހަމަޔަށް ލިބިދެއްވާނެތެވެ. އެއުރެންނަށް ބޭއިންސާފު ނުކުރައްވާ ގޮތުގައެވެ.
أَفَمَنِ ٱتَّبَعَ رِضۡوَٰنَ ٱللَّهِ كَمَنۢ بَآءَ بِسَخَطٖ مِّنَ ٱللَّهِ وَمَأۡوَىٰهُ جَهَنَّمُۖ وَبِئۡسَ ٱلۡمَصِيرُ
ފަހެ، اللَّه ގެ ރުއްސެވުމަށް تبع ވީމީހާ، اللَّه ގެ حضرة ން އަންނަ ކޯފާއަކާއިގެން އެނބުރި އައިމީހެއްފަދަ ހެއްޔެވެ؟ އަދި، އެމީހަކު (އެބަހީ: اللَّه ގެ ކޯފާއާއިގެން އައި މީހަކު) އުޅޭނެތަނަކީ، جهنّم އެވެ. (އެއީ) ހާދަހާ ނުބައިވެގެންވާ ނިމިދިއުމެކެވެ.
هُمۡ دَرَجَٰتٌ عِندَ ٱللَّهِۗ وَٱللَّهُ بَصِيرُۢ بِمَا يَعۡمَلُونَ
އެއުރެން، اللَّه ގެ حضرة ގައި ވަނީ ދަރަޖަތަކަކަށެވެ. އަދި، اللَّه އީ، އެއުރެންކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.