تِلۡكَ حُدُودُ ٱللَّهِۚ وَمَن يُطِعِ ٱللَّهَ وَرَسُولَهُۥ يُدۡخِلۡهُ جَنَّـٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَاۚ وَذَٰلِكَ ٱلۡفَوۡزُ ٱلۡعَظِيمُ
އެއީ، اللَّه ކަނޑައަޅުއްވައި އަންގަވާފައިވާ އިންތަކެވެ. اللَّه އަށާއި، އެކަލާނގެ رسول އާއަށް ކިޔަމަންތެރިވާ މީހާ، އެތާނގެ ދަށުން ފެންއާރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް ވައްދަވާނެތެވެ. އެތާނގައި، އެއުރެން ދެމިތިބެނިވި ގޮތުގައެވެ. ބޮޑުވެގެންވާ نصيب ލިބުމަކީ އެއީއެވެ.
وَمَن يَعۡصِ ٱللَّهَ وَرَسُولَهُۥ وَيَتَعَدَّ حُدُودَهُۥ يُدۡخِلۡهُ نَارًا خَٰلِدٗا فِيهَا وَلَهُۥ عَذَابٞ مُّهِينٞ
އަދި، اللَّه އަށާއި، އެކަލާނގެ رسول އާއަށް އުރެދި، އެކަލާނގެ ކަނޑައަޅުއްވާފައިވާ އިންތައް ފަހަނަޅައިދާމީހަކު، ނަރަކަޔަށް ވައްދަވާނެތެވެ. އެތާނގައި އެމީހަކު ދެމިހުންނަނިވި ގޮތުގައެވެ. އަދި، އެމީހަކަށް އިހާނަތްތެރިކަން ދެނިވި عذاب ހުށްޓެވެ.
وَٱلَّـٰتِي يَأۡتِينَ ٱلۡفَٰحِشَةَ مِن نِّسَآئِكُمۡ فَٱسۡتَشۡهِدُواْ عَلَيۡهِنَّ أَرۡبَعَةٗ مِّنكُمۡۖ فَإِن شَهِدُواْ فَأَمۡسِكُوهُنَّ فِي ٱلۡبُيُوتِ حَتَّىٰ يَتَوَفَّىٰهُنَّ ٱلۡمَوۡتُ أَوۡ يَجۡعَلَ ٱللَّهُ لَهُنَّ سَبِيلٗا
ތިޔަބައިމީހުންގެ އަންހެނުންކުރެ ހުތުރުކަން ބޮޑުވެގެންވާ ފާފަ ގެނެސްގަންނަ މީހުންނާމެދު، (އެބަހީ: ޒިނޭކުރާ މީހުންނާމެދު) ތިޔަބައިމީހުންގެ ތެރެއިން ހަތަރު ހެކިން، އެކަނބަލުންގެ މައްޗަށް ހެކިކުރާށެވެ! ފަހެ، އެއުރެން ހެކިދީފިނަމަ، މަރު، އެކަނބަލުން އަތުލައިފުމަށް ދާނދެން (އެބަހީ: މަރުވެއްޖައުމަށް ދާނދެން) ނުވަތަ، އެކަނބަލުންނަށް اللَّه މަގެއް ދައްކަވައިފުމަށް ދާނދެން، ގޭގޭގައި އެކަނބަލުން ބަންދުކުރާށެވެ! (އިތުރު ބަޔާނެއް: މަގެއް ދެއްކެވުމޭ އޮތްބަސްފުޅުގެ مراد އަކީ، އެކަނބަލުންނަށް ދޭނެ عقوبات އެއް ކަނޑައަޅުއްވައި އެންގެވުމެވެ. އެކަންއޮތީ سورة النور ގެ ދެވަނަ آية ން އަންގަވާފައެވެ.)