يُرِيدُ ٱللَّهُ لِيُبَيِّنَ لَكُمۡ وَيَهۡدِيَكُمۡ سُنَنَ ٱلَّذِينَ مِن قَبۡلِكُمۡ وَيَتُوبَ عَلَيۡكُمۡۗ وَٱللَّهُ عَلِيمٌ حَكِيمٞ

اللَّه އިރާދަކުރައްވަނީ، ތިޔަބައިމީހުންނަށް (مصلحة ހުރިގޮތް) بيان ކޮށްދެއްވުމަށެވެ. އަދި، ތިޔަބައިމީހުންގެ ކުރިން އުޅުނު (ރަނގަޅު) މީހުންގެ މަގުތަކަށް ތިޔަބައިމީހުންނަށް މަގުދެއްކެވުމަށެވެ. އަދި، ތިޔަބައިމީހުންގެ މައްޗަށް توبة ލެއްވުމަށެވެ. اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ حكيم ވަންތަ ރަސްކަލާނގެއެވެ.


وَٱللَّهُ يُرِيدُ أَن يَتُوبَ عَلَيۡكُمۡ وَيُرِيدُ ٱلَّذِينَ يَتَّبِعُونَ ٱلشَّهَوَٰتِ أَن تَمِيلُواْ مَيۡلًا عَظِيمٗا

އަދި، اللَّه އިރާދަކުރައްވަނީ، ތިޔަބައިމީހުންގެ މައްޗަށް توبة ލެއްވުމަށެވެ. އަދި، އަމިއްލަ އެދުންތަކަށް تبع ވާ މީހުން އެދެނީ (حق ގެ މަގު ފިޔަވައި باطل ގެ މަގަށް) ބޮޑުވެގެންވާ ލެނބުމަކުން ތިޔަބައިމީހުން ލެނބިގަތުމަށެވެ.


يُرِيدُ ٱللَّهُ أَن يُخَفِّفَ عَنكُمۡۚ وَخُلِقَ ٱلۡإِنسَٰنُ ضَعِيفٗا

اللَّه އިރާދަކުރައްވަނީ، ތިޔަބައިމީހުންނަށް ލުއިކޮށް ދެއްވުމަށެވެ. އަދި، އިންސާނާ ހައްދަވާފައިވަނީ، (އެދުންތަކުގެ ކުރިމަތީގައި) ނިކަމެތިވެގެންވާ މީހެއް ކަމުގައެވެ.


يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَأۡكُلُوٓاْ أَمۡوَٰلَكُم بَيۡنَكُم بِٱلۡبَٰطِلِ إِلَّآ أَن تَكُونَ تِجَٰرَةً عَن تَرَاضٖ مِّنكُمۡۚ وَلَا تَقۡتُلُوٓاْ أَنفُسَكُمۡۚ إِنَّ ٱللَّهَ كَانَ بِكُمۡ رَحِيمٗا

އޭ إيمان ވެއްޖެ މީސްތަކުންނޭވެ! باطل ގޮތުގައި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ނުކާށެވެ! އެހެނެއްކަމަކު، ތިޔަބައިމީހުންގެ ތެރެއިން ދެފަރާތުގެ ރުހުމުގެ މައްޗަށް އޮންނަ ވިޔަފާރިޔަކަށްވުން މެނުވީއެވެ. އަދި، ތިޔަބައިމީހުންގެ އަމިއްލަ نفس ތައް ތިޔަބައިމީހުން قتل ނުކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް رحيم ވަންތަ ރަސްކަލާނގެ ކަމުގައި اللَّه ވޮޑިގެންވެއެވެ.



الصفحة التالية
Icon