إِنَّ ٱللَّهَ لَا يَظۡلِمُ مِثۡقَالَ ذَرَّةٖۖ وَإِن تَكُ حَسَنَةٗ يُضَٰعِفۡهَا وَيُؤۡتِ مِن لَّدُنۡهُ أَجۡرًا عَظِيمٗا
اللَّه، (އެއްވެސް މީހަކަށް) ذر އެއްގެ މިންވަރުވިޔަސް ބޭއިންސާފެއް ނުކުރައްވާނެކަން ކަށަވަރެވެ. އެއީ، ހެޔޮކަމެއް ކަމުގައިވާނަމަ، އެކަންތައް (އެބަހީ: އޭގެ ثواب) ގިނަގުނަ ކުރައްވަތެވެ. އަދި، އެކަލާނގެ حضرة ން ބޮޑުވެގެންވާ ދަރުމަ ދެއްވަތެވެ.
فَكَيۡفَ إِذَا جِئۡنَا مِن كُلِّ أُمَّةِۭ بِشَهِيدٖ وَجِئۡنَا بِكَ عَلَىٰ هَـٰٓؤُلَآءِ شَهِيدٗا
ފަހެ، ތިމަންރަސްކަލާނގެ ކޮންމެ أمّة އަކުން ހެކިވެރިޔަކު، (އެބަހީ: އެއުރެންގެ މައްޗަށް ހެކިވުމަށްޓަކައި އެ أمّة އެއްގެ ނަބިއްޔަކު) ގެންނަވައި، އަދި، މިބައިމީހުންގެ މައްޗަށް ހެކިވެރިޔެއްގެ ގޮތުގައި ތިމަންރަސްކަލާނގެ ކަލޭގެފާނު ގެންނަވާހިނދު، (كافر ންގެ حال) ކޮންފަދަތޯއެވެ؟
يَوۡمَئِذٖ يَوَدُّ ٱلَّذِينَ كَفَرُواْ وَعَصَوُاْ ٱلرَّسُولَ لَوۡ تُسَوَّىٰ بِهِمُ ٱلۡأَرۡضُ وَلَا يَكۡتُمُونَ ٱللَّهَ حَدِيثٗا
كافر ވެ، رسول އާއަށް ނުކިޔަމަންތެރިވި މީހުން އެއުރެން ބިމާ ހަމަހަމަވެގެން ދާނެނަމައޭ ހީކޮށް، އެގޮތްވުމަށް އެދުވަހު އެދޭނެތެވެ. އަދި، (އެދުވަހުން) އެއުރެންނަކަށް اللَّه އަށް އެއްވެސް ކަމެއް ވަންހަނާއެއް ނުކުރެވޭނެތެވެ.
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَقۡرَبُواْ ٱلصَّلَوٰةَ وَأَنتُمۡ سُكَٰرَىٰ حَتَّىٰ تَعۡلَمُواْ مَا تَقُولُونَ وَلَا جُنُبًا إِلَّا عَابِرِي سَبِيلٍ حَتَّىٰ تَغۡتَسِلُواْۚ وَإِن كُنتُم مَّرۡضَىٰٓ أَوۡ عَلَىٰ سَفَرٍ أَوۡ جَآءَ أَحَدٞ مِّنكُم مِّنَ ٱلۡغَآئِطِ أَوۡ لَٰمَسۡتُمُ ٱلنِّسَآءَ فَلَمۡ تَجِدُواْ مَآءٗ فَتَيَمَّمُواْ صَعِيدٗا طَيِّبٗا فَٱمۡسَحُواْ بِوُجُوهِكُمۡ وَأَيۡدِيكُمۡۗ إِنَّ ٱللَّهَ كَانَ عَفُوًّا غَفُورًا
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން (ނަމާދުގައި) ކިޔާ އެއްޗެއް ތިޔަބައިމީހުންނަށް އެނގިއްޖައުމަށް ދާނދެން، ތިޔަބައިމީހުން މަސްތުވެގެން ތިބޭ حال ތިޔަބައިމީހުން ނަމާދާ ގާތްނުވާށެވެ! އަދި، މަގު ހުރަސްކޮށް ދަތުރުކުރާ ދަތުރުވެރިން މެނުވީ، جنب ވެރިވެގެންވާ حال ވެސް، ތިޔަބައިމީހުން ހިނައިގެންފުމަށް ދާނދެން، (ނަމާދާ ގާތްނުވާށެވެ!) އަދި، ބަލިމީހުން ކަމުގައި ތިޔަބައިމީހުން ވާނަމަ، ނުވަތަ، ދަތުރެއްގެ މަތީގައިވާނަމަ، ނުވަތަ، ތިޔަބަައިމީހުންކުރެ މީހަކު ހަނޑަހުން އައިނަމަ، (އެބަހީ: ކުޑަކަމު ނުވަތަ ބޮޑުކަމު ހިނގައްޖެނަމަ) ނުވަތަ، އަންހެނުންގައި ތިޔަބައިމީހުން ބީހިއްޖެނަމަ، ދެން، ތިޔަބައިމީހުންނަށް ފެން ނުލިބިއްޖިއްޔާ، طاهر ވެލިން ތިޔަބައިމީހުން تيمم ކުރާށެވެ! ފަހެ، ތިޔަބައިމީހުންގެ މޫނުތަކާއި، އަތްތަކުގައި، (އެ ވެލިން) ފުހޭށެވެ! ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން عفو ކުރައްވާ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެ ކަމުގައިވެއެވެ.