فَبِمَا نَقۡضِهِم مِّيثَٰقَهُمۡ وَكُفۡرِهِم بِـَٔايَٰتِ ٱللَّهِ وَقَتۡلِهِمُ ٱلۡأَنۢبِيَآءَ بِغَيۡرِ حَقّٖ وَقَوۡلِهِمۡ قُلُوبُنَا غُلۡفُۢۚ بَلۡ طَبَعَ ٱللَّهُ عَلَيۡهَا بِكُفۡرِهِمۡ فَلَا يُؤۡمِنُونَ إِلَّا قَلِيلٗا
ފަހެ، އެއުރެންގެ عهد އުވާލައި، އަދި އެއުރެން اللَّه ގެ آية ތަކަށް كافر ވެ، އަދި حق އަކާނުލައި ނަބީބޭކަލުން قتل ކޮށް، އަދި ތިމަންމެންގެ ހިތްތަކަކީ ބަންދުވެފައިވާ ހިތްތަކެކޭ ބުނެ އުޅުމުގެ ސަަބަބުން، (ތިމަންރަސްކަލާނގެ އެއުރެންނަށް لعنة ލެއްވީމެވެ.) އަދި ކިއެއްތަ! އެއުރެން كافر ވުމުގެ ސަބަބުން އެ ހިތްތަކުގައި اللَّه ސިއްކަގައްސަވާފައިވެއެވެ. ފަހެ، އެއުރެންކުރެ މަދުބަޔަކު މެނުވީ إيمان އެއް ނުވާނެތެވެ.
وَبِكُفۡرِهِمۡ وَقَوۡلِهِمۡ عَلَىٰ مَرۡيَمَ بُهۡتَٰنًا عَظِيمٗا
އަދި، އެއުރެން كافر ވުމުގެ ސަބަބުންނާއި، އަދި އެއުރެން مريم ގެފާނުގެ މައްޗަށް ބޮޑުވެގެންވާ بهتان ދޮގެއް ބުނުމުގެ ސަބަބުންމެއެވެ.
وَقَوۡلِهِمۡ إِنَّا قَتَلۡنَا ٱلۡمَسِيحَ عِيسَى ٱبۡنَ مَرۡيَمَ رَسُولَ ٱللَّهِ وَمَا قَتَلُوهُ وَمَا صَلَبُوهُ وَلَٰكِن شُبِّهَ لَهُمۡۚ وَإِنَّ ٱلَّذِينَ ٱخۡتَلَفُواْ فِيهِ لَفِي شَكّٖ مِّنۡهُۚ مَا لَهُم بِهِۦ مِنۡ عِلۡمٍ إِلَّا ٱتِّبَاعَ ٱلظَّنِّۚ وَمَا قَتَلُوهُ يَقِينَۢا
އަދި، ހަމަކަށަވަރުން، ތިމަންމެން اللَّه ގެ رسول، مريم ގެފާނުންގެ ދަރިކަލުން المسيح عيسى ގެފާނު، قتل ކޮށްފީމުއޭ އެއުރެން ބުނުމުގެ ސަބަބުންމެއެވެ. އެއުރެން އެކަލޭގެފާނު قتل އެއް ނުކުރެއެވެ. އަދި، އެއުރެން އެކަލޭގެފާނު صليب އަކަށްވެސް ނާރުވައެވެ. އެހެނެއްކަމަކު (އެއުރެން قتل ކޮށް صليب އަށް އެރުވީ އެހެންމީހެކެވެ.) އެމީހާ، އެކަލޭގެފާނާ އެއްސިފަ ޖައްސަވާފައިވާތީ، އެއުރެންނަށް ފެނުނީއެވެ. ހަމަކަށަވަރުން، އެކަލޭގެފާނާމެދު خلاف ވީ މީހުންވަނީ، އެކަމާމެދު شك އެއްގައިކަން ކަށަވަރެވެ. ހީޔަކަށް تبع ވުން މެނުވީ، އެކަމާމެދު އެއުރެންނަކަށް އެނގުމެއްނެތެވެ. އަދި ހަމަ يقين ން، އެއުރެން އެކަލޭގެފާނު قتل އެއް ނުކުރެއެވެ.