فَبِمَا نَقۡضِهِم مِّيثَٰقَهُمۡ لَعَنَّـٰهُمۡ وَجَعَلۡنَا قُلُوبَهُمۡ قَٰسِيَةٗۖ يُحَرِّفُونَ ٱلۡكَلِمَ عَن مَّوَاضِعِهِۦ وَنَسُواْ حَظّٗا مِّمَّا ذُكِّرُواْ بِهِۦۚ وَلَا تَزَالُ تَطَّلِعُ عَلَىٰ خَآئِنَةٖ مِّنۡهُمۡ إِلَّا قَلِيلٗا مِّنۡهُمۡۖ فَٱعۡفُ عَنۡهُمۡ وَٱصۡفَحۡۚ إِنَّ ٱللَّهَ يُحِبُّ ٱلۡمُحۡسِنِينَ
ދެން އެއުރެންގެ ކަށަވަރުވެގެންވާ عهد އެއުރެން އުވައިލުމުގެ ސަބަބުން، ތިމަންރަސްކަލާނގެ އެއުރެންނަށް لعنة ލެއްވީމެވެ. އަދި އެއުރެންގެ ހިތްތައް ހަރުކަށި ހިތްތަކެއްކަމުގައި ލެއްވީމެވެ. އެއުރެން (توراة ގައިވާ) كلمة ފުޅުތައް އޮންނަންވީ ތަންތަނުން ބަދަލުކޮށް އޮޅުވާލައިހަދަތެވެ. އަދި އެއުރެންނަށް ހަނދާންކޮށްދެއްވި ކަންތަކުގެ ތެރެއިން ބަޔެއް (އެބަހީ: محمد ގެފާނަށް تبع ވުމަށް توراة ގައި ކުރައްވާފައިވާ أمر ތައް) އެއުރެން ހަނދާން ނައްތައިލިއެވެ. އޭގެތެރެއިން މަދުބަޔެއްގެ ކިބައިން މެނުވީ، އެއުރެންގެ ތެރެއިން خيانة ތެރިވުން ކަލޭގެފާނަށް އަބަދުވެސް ފެނިވަޑައިގަންނަވާނެތެވެ. ފަހެ، އެއުރެންނަށް ކަލޭގެފާނު عفو ކުރައްވައި، މާފުކުރައްވާށެވެ! ހަމަކަށަވަރުން، إحسان ތެރިންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ.
وَمِنَ ٱلَّذِينَ قَالُوٓاْ إِنَّا نَصَٰرَىٰٓ أَخَذۡنَا مِيثَٰقَهُمۡ فَنَسُواْ حَظّٗا مِّمَّا ذُكِّرُواْ بِهِۦ فَأَغۡرَيۡنَا بَيۡنَهُمُ ٱلۡعَدَاوَةَ وَٱلۡبَغۡضَآءَ إِلَىٰ يَوۡمِ ٱلۡقِيَٰمَةِۚ وَسَوۡفَ يُنَبِّئُهُمُ ٱللَّهُ بِمَا كَانُواْ يَصۡنَعُونَ
ހަމަކަށަވަރުން، ތިމަންމެންނީ نصارى އިންނޭ ބުނިމީހުންގެ ކިބައިންވެސް އެއުރެންގެ ކަށަވަރުވެގެންވާ عهد ތިމަންރަސްކަލާނގެ ހިއްޕެވީމެވެ. ދެން އެއުރެންނަށް ހަނދާންކޮށްދެއްވި ކަންތަކުގެ ތެރެއިން އެއުރެން ހަނދާންނައްތާލިއެވެ. ފަހެ، قيامة ދުވަހަށް ދާނދެން އެއުރެންގެ މެދުގައި، عدواة ތެރިކަމާއި، ރުޅިވެރިކަން ލެއްވީމެވެ. އަދި ނިކަންހުރެ އެއުރެން ކޮށްއުޅުނު عمل ތަކުގެ ވާހަކައިން اللَّه އެއުރެންނަށް خبر އަންގަވާނެއެވެ.