قُلۡ يَـٰٓأَهۡلَ ٱلۡكِتَٰبِ هَلۡ تَنقِمُونَ مِنَّآ إِلَّآ أَنۡ ءَامَنَّا بِٱللَّهِ وَمَآ أُنزِلَ إِلَيۡنَا وَمَآ أُنزِلَ مِن قَبۡلُ وَأَنَّ أَكۡثَرَكُمۡ فَٰسِقُونَ
ކަލޭގެފާނު ވިދާޅުވާށެވެ! އޭ ފޮތުގެ أهل ވެރިންނޭވެ! اللَّه ތިމަންމެންނަށް ބާވައިލެއްވި ފޮތަށާއި، ކުރިން ބާވައިލެއްވި ފޮތްތަކަށް ތިމަންމެން إيمان ވާ ކަމާއި، ތިޔަބައިމީހުންކުރެ ގިނަމީހުންނަކީ فاسق ން ކަމުގައިވާކަން ފިޔަވައި އެހެންކަމަކާ ތިމަންމެންދެކެ ތިޔަބައިމީހުން ރުޅިއަރައި إنكار ކުރަމުހެއްޔެވެ؟
قُلۡ هَلۡ أُنَبِّئُكُم بِشَرّٖ مِّن ذَٰلِكَ مَثُوبَةً عِندَ ٱللَّهِۚ مَن لَّعَنَهُ ٱللَّهُ وَغَضِبَ عَلَيۡهِ وَجَعَلَ مِنۡهُمُ ٱلۡقِرَدَةَ وَٱلۡخَنَازِيرَ وَعَبَدَ ٱلطَّـٰغُوتَۚ أُوْلَـٰٓئِكَ شَرّٞ مَّكَانٗا وَأَضَلُّ عَن سَوَآءِ ٱلسَّبِيلِ
ކަލޭގެފާނު ވިދާޅުވާށެވެ! اللَّه ގެ حضرة ގައި ޖަޒާދެއްވުމުގެ ގޮތުން އެއަށްވުރެ ނުބައިބަޔެއްގެ ވާހަކަ ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނު އަންގަވައި ދެއްވަންހެއްޔެވެ؟ އެއުރެންނީ، اللَّه އެބަޔަކަށް لعنة ލައްވައި، އަދި އެބަޔެއްގެ މައްޗަށް ކޯފާލައްވައި އެބަޔެއްގެ ތެރެއިން ބަޔަކު ރާމާމަކުނުކަމުގައްޔާއި، އޫރުކަމުގައި ލައްވައި، އަދި އަނެއްބަޔަކު شيطان އާއަށް އަޅުކަންކުރާ މީހުން ކަމުގައިލެއްވި މީހުންނެވެ. އެއުރެންނީ (قيامة ދުވަހުން) ތިބޭނެ ތަނުގެގޮތުން ނުބައިކަން ބޮޑުވެގެންވާ ބަޔެކެވެ. އަދި ހަމަ މަގުން އެއްކިބާވެ މަގުފުރެދުން ބޮޑު ބަޔެކެވެ.
وَإِذَا جَآءُوكُمۡ قَالُوٓاْ ءَامَنَّا وَقَد دَّخَلُواْ بِٱلۡكُفۡرِ وَهُمۡ قَدۡ خَرَجُواْ بِهِۦۚ وَٱللَّهُ أَعۡلَمُ بِمَا كَانُواْ يَكۡتُمُونَ
އަދި އެއުރެން (އެބަހީ: يهودى ންގެ ތެރެއިން منافق ން) ތިޔަބައިމީހުންގެ ގާތަށް އަތުވެއްޖެނަމަ، ތިމަންމެން إيمان ވެއްޖައީމުއޭ ބުނެތެވެ. އޭރު އެއުރެން (ތިޔަބައިމީހުންގެ ތެރެއަށް) ވަދެ އެތިބީ كافر ކަމާއިގެންނެވެ. އަދި އެއުރެން ނުކުމެގެން ދިޔައީވެސް އެ كافر ކަމާއިގެންނެވެ. އެއުރެން ވަންހަނާކޮށް އުޅުނުކަންތައް، اللَّه ދެނެވޮޑިގަތުން ބޮޑެވެ.