فَلَمَّا نَسُواْ مَا ذُكِّرُواْ بِهِۦ فَتَحۡنَا عَلَيۡهِمۡ أَبۡوَٰبَ كُلِّ شَيۡءٍ حَتَّىٰٓ إِذَا فَرِحُواْ بِمَآ أُوتُوٓاْ أَخَذۡنَٰهُم بَغۡتَةٗ فَإِذَا هُم مُّبۡلِسُونَ

ދެން އެއުރެންނަށް ހަނދާންކޮށްދެއްވި ކަންތައް، އެއުރެން ހަނދާންނައްތައިފި ހިނދު (امتحان އެއްގެ ގޮތުން) ހުރިހާކަމެއްގެ ދޮރުތައް ތިމަންރަސްކަލާނގެ އެއުރެންނަށް ހުޅުއްވައިދެއްވީމެވެ. (އެބަހީ: ހުރިހާ ގޮތަކުން ތަނަވަސްކަމާއި ތިޔާގިކަން ދެއްވީމެވެ.) ދެން އެއުރެންނަށް ދެއްވި ކަންތަކާމެދު އެއުރެން އުފަލުގައި ތިއްބާ ކުއްލިއަކަށް ތިމަންރަސްކަލާނގެ އެއުރެން ހިއްޕެވީމެވެ. އެހިނދު اميد ކެނޑިފައިތިބި ބަޔަކު ކަމުގައި އެއުރެންވިއެވެ.


فَقُطِعَ دَابِرُ ٱلۡقَوۡمِ ٱلَّذِينَ ظَلَمُواْۚ وَٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَٰلَمِينَ

ދެން އަނިޔާވެރިވީ މީހުންގެ އެންމެފަހު މީހާއަށްދާނދެން ނެތި ކުރެއްވިއެވެ. حمد ހުރީ، عالم ތަކުގެ ވެރި اللَّه އަށެވެ.


قُلۡ أَرَءَيۡتُمۡ إِنۡ أَخَذَ ٱللَّهُ سَمۡعَكُمۡ وَأَبۡصَٰرَكُمۡ وَخَتَمَ عَلَىٰ قُلُوبِكُم مَّنۡ إِلَٰهٌ غَيۡرُ ٱللَّهِ يَأۡتِيكُم بِهِۗ ٱنظُرۡ كَيۡفَ نُصَرِّفُ ٱلۡأٓيَٰتِ ثُمَّ هُمۡ يَصۡدِفُونَ

ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ނިކަން ބުނެބަލާށެވެ! اللَّه ތިޔަބައިމީހުންގެ އިވުމާއި، ފެނުން ގެންދަވައި އަދި ތިޔަބައިމީހުންގެ ހިތްތަކުގައި ސިއްކަގައްސަވައިފިނަމަ، އެކަންތައްތައް ތިޔަބައިމީހުންނަށް އަލުން ގެނެސްދޭނީ اللَّه ފިޔަވައި ކޮން إله އަކު ހެއްޔެވެ؟ ތިމަންރަސްކަލާނގެ آية ތައް އެކިގޮތްގޮތަށް ބަޔާންކޮށްދެއްވަނީ، ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ! ދެން އެއަށްފަހުވެސް، އެއުރެން އެ آية ތަކުން ދުރުހެލިވެގަނެތެވެ.



الصفحة التالية
Icon