قُلۡ أَرَءَيۡتَكُمۡ إِنۡ أَتَىٰكُمۡ عَذَابُ ٱللَّهِ بَغۡتَةً أَوۡ جَهۡرَةً هَلۡ يُهۡلَكُ إِلَّا ٱلۡقَوۡمُ ٱلظَّـٰلِمُونَ
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ނިކަން ބުނެބަލާށެވެ! اللَّه ގެ عذاب ކުއްލިއަކަށް ނުވަތަ ފާޅުގައި ތިޔަބައިމީހުންގެ ގާތަށް އަތުވެއްޖެނަމަ، އަނިޔާވެރިވީ މީހުން ފިޔަވައި އެހެން ބަޔަކު ހަލާކުވެގެންދާނޭ ހެއްޔެވެ؟
وَمَا نُرۡسِلُ ٱلۡمُرۡسَلِينَ إِلَّا مُبَشِّرِينَ وَمُنذِرِينَۖ فَمَنۡ ءَامَنَ وَأَصۡلَحَ فَلَا خَوۡفٌ عَلَيۡهِمۡ وَلَا هُمۡ يَحۡزَنُونَ
އަދި އުފާވެރިކަމުގެ خبر ދެއްވާ، ބޭކަލުން ކަމުގައްޔާއި، إنذار ކުރައްވާ ބޭކަލުން ކަމުގައިމެނުވީ، ތިމަންރަސްކަލާނގެ رسول ން ނުފޮނުއްވަމެވެ. ފަހެ، إيمان ވެ إصلاح ކުޅަ މީހުން (ދަންނާށެވެ!) ފަހެ، އެއުރެންގެ މައްޗަކަށް އެއްވެސް ބިރެއް ނެތެވެ. އަދި އެއުރެންނަކީ ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ.
وَٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَا يَمَسُّهُمُ ٱلۡعَذَابُ بِمَا كَانُواْ يَفۡسُقُونَ
ތިމަންރަސްކަލާނގެ آية ތައް ދޮގުކުޅަ މީހުން (ދަންނާށެވެ!) އެއުރެން فاسق ވެ އުޅުނު ކަމަށްޓަކައި عذاب އެއުރެންގައި ބީހޭނެތެވެ.
قُل لَّآ أَقُولُ لَكُمۡ عِندِي خَزَآئِنُ ٱللَّهِ وَلَآ أَعۡلَمُ ٱلۡغَيۡبَ وَلَآ أَقُولُ لَكُمۡ إِنِّي مَلَكٌۖ إِنۡ أَتَّبِعُ إِلَّا مَا يُوحَىٰٓ إِلَيَّۚ قُلۡ هَلۡ يَسۡتَوِي ٱلۡأَعۡمَىٰ وَٱلۡبَصِيرُۚ أَفَلَا تَتَفَكَّرُونَ
ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުގެ ގާތުގައި اللَّه ގެ خزانة ތައް ވާކަމަކަށް، ނުވަތަ ތިމަންކަލޭގެފާނަށް غيب އެނގޭކަމަކަށް ތިޔަބައިމީހުންގެ ގާތަކު ތިމަންކަލޭގެފާނު ވިދާޅެއް ނުވަމެވެ. އަދި ތިމަންކަލޭގެފާނީ ملائكة އެކޭވެސް ތިޔަބައިމީހުންގެ ގާތަކު ވިދާޅެއްނުވަމެވެ. ތިމަންކަލޭގެފާނަށް وحى އިއްވަވާގޮތަށް މެނުވީ ތިމަންކަލޭގެފާނު تبع ވެވަޑައެއް ނުގަންނަވަމެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ކަނުމީހަކާ، ލޮލަށްފެންނަ މީހަކާ ހަމަހަމަވާނޭހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން فكر ނުކުރަނީހެއްޔެވެެ؟