فَلَمَّا جَنَّ عَلَيۡهِ ٱلَّيۡلُ رَءَا كَوۡكَبٗاۖ قَالَ هَٰذَا رَبِّيۖ فَلَمَّآ أَفَلَ قَالَ لَآ أُحِبُّ ٱلۡأٓفِلِينَ
ދެންފަހެ، ރޭގަނޑުގެ އަނދިރިކަން އެކަލޭގެފާނުގެ މައްޗަށް ފެތުރުނުހިނދު، އެކަލޭގެފާނަށް ތަރިއެއް ފެނިވަޑައިގެން (އެކަލޭގެފާނުގެ قوم އަށް) ވިދާޅުވިއެވެ. (ތިޔަބައިމީހުން ހީކުރާގޮތުގައި) މިއީ އަހުރެންގެ ވެރިރަސްކަލާނގެއެވެ. ދެންފަހެ، އެތަރި އޮސްފުހުނުހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ. އޮސްފުހިދާ ތަކެއްޗަކަށް އަހުރެން ލޯތްބެއްނުކުރަމެވެ.
فَلَمَّا رَءَا ٱلۡقَمَرَ بَازِغٗا قَالَ هَٰذَا رَبِّيۖ فَلَمَّآ أَفَلَ قَالَ لَئِن لَّمۡ يَهۡدِنِي رَبِّي لَأَكُونَنَّ مِنَ ٱلۡقَوۡمِ ٱلضَّآلِّينَ
ދެންފަހެ، ހަނދު އަރައިގެން އަންނަތަން އެކަލޭގެފާނަށް ފެނިވަޑައިގަތްހިނދު (އެއުރެންނަށް) އެކަލޭގެފާނު ވިދާޅުވިއެވެ. (ތިޔަބައިމީހުން ހީކުރާގޮތުގައި) މިއީ އަހުރެންގެ ވެރިރަސްކަލާނގެއެވެ. ދެންފަހެ، އެ ހަނދު އޮސްފުހުނުހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ. އަހުރެންގެ ވެރިރަސްކަލާނގެ ތެދުމަގުގައި އަހުރެން ثابت ނުކުރެއްވިނަމަ، މަގުގެއްލި، ފުރެދިގެންވާ މީހުންގެ ތެރެއިން އަހުރެން ވެއްޖައީސްކަން ކަށަވަރެވެ.
فَلَمَّا رَءَا ٱلشَّمۡسَ بَازِغَةٗ قَالَ هَٰذَا رَبِّي هَٰذَآ أَكۡبَرُۖ فَلَمَّآ أَفَلَتۡ قَالَ يَٰقَوۡمِ إِنِّي بَرِيٓءٞ مِّمَّا تُشۡرِكُونَ
ދެންފަހެ، އިރުއަރައިގެން އަންނަތަން އެކަލޭގެފާނަށް ފެނިވަޑައިގަތްހިނދު (އެއުރެންނަށް) އެކަލޭގެފާނު ވިދާޅުވިއެވެ. (ތިޔަބައިމީހުން ހީކުރާ ގޮތުގައި) މިއީ އަހުރެންގެ ވެރިރަސްކަލާނގެއެވެ. (ހަނދަށްވުރެން) މި، މާބޮޑެވެ. ދެންފަހެ، އެ އިރު އޮސްފުހުނުހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުން شريك ކޮށް ތިޔައުޅޭ (ބުދުތަކާއި، އިރު ހަނދުފަދަ) ތަކެތިން، ހަމަކަށަވަރުން، އަހުރެން ބަރީއަވެގެންވަމެވެ.