ٱلَّذِينَ ءَامَنُواْ وَلَمۡ يَلۡبِسُوٓاْ إِيمَٰنَهُم بِظُلۡمٍ أُوْلَـٰٓئِكَ لَهُمُ ٱلۡأَمۡنُ وَهُم مُّهۡتَدُونَ
އެއުރެންނަކީ، إيمان ވެތިބެ، އެއުރެންގެ إيمان ކަމުގެ ތެރެއަށް (شرك ގެ) އަނިޔާވެރިކަމެއް ނުލާ މީހުންނެވެ. އަމާންކަންހުރީ، އެއުރެންނަށެވެ. އަދި އެއުރެންނީ ތެދުމަގު ލިބިގެންވާ މީހުންނެވެ.
وَتِلۡكَ حُجَّتُنَآ ءَاتَيۡنَٰهَآ إِبۡرَٰهِيمَ عَلَىٰ قَوۡمِهِۦۚ نَرۡفَعُ دَرَجَٰتٖ مَّن نَّشَآءُۗ إِنَّ رَبَّكَ حَكِيمٌ عَلِيمٞ
އެ ހުރިހާކަމަކީ، ތިމަންރަސްކަލާނގެ (حضرة ން އައި) حجّة ތަކެވެ. އެ حجّة ތައް، ތިމަންރަސްކަލާނގެ إبراهيم ގެފާނަށް ދެއްވީ، އެކަލޭގެފާނުގެ قوم ގެމީހުންނަށް ހުށަހެޅުއްވުމަށެވެ. ތިމަންރަސްކަލާނގެ އިރާދަކުރައްވާ ބަޔަކު، ދަރަޖަ މަތިވެރިކުރައްވަމެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، حكيم ވަންތަ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
وَوَهَبۡنَا لَهُۥٓ إِسۡحَٰقَ وَيَعۡقُوبَۚ كُلًّا هَدَيۡنَاۚ وَنُوحًا هَدَيۡنَا مِن قَبۡلُۖ وَمِن ذُرِّيَّتِهِۦ دَاوُۥدَ وَسُلَيۡمَٰنَ وَأَيُّوبَ وَيُوسُفَ وَمُوسَىٰ وَهَٰرُونَۚ وَكَذَٰلِكَ نَجۡزِي ٱلۡمُحۡسِنِينَ
ތިމަންރަސްކަލާނގެ، އެކަލޭގެފާނަށް (އެބަހީ: إبراهيم ގެފާނަށް) إسحاق ގެފާނާއި، يعقوب ގެފާނު ދެއްވީމެވެ. އެއިން ކޮންމެ ބޭކަލަކަށް ތެދުމަގު ދެއްކެވީމެވެެ. އަދި އޭގެކުރިން نوح ގެފާނަށް ތެދުމަގު ދެއްކެވީމެވެެ. އަދި އެކަލޭގެފާނުންގެ ދަރިކޮޅުން، داود ގެފާނާއި، سليمان ގެފާނާއި، أيّوب ގެފާނާއި، يوسف ގެފާނާއި، موسى ގެފާނާއި، هارون ގެފާނަށް ތެދުމަގު ދެއްކެވީމެވެ. އަދި إحسان ތެރިންނަށް ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ.