بَدِيعُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ أَنَّىٰ يَكُونُ لَهُۥ وَلَدٞ وَلَمۡ تَكُن لَّهُۥ صَٰحِبَةٞۖ وَخَلَقَ كُلَّ شَيۡءٖۖ وَهُوَ بِكُلِّ شَيۡءٍ عَلِيمٞ
(އެކަލާނގެއީ) އިސްވެދިޔަ مثال އެއްނެތި، އުޑުތަކާއި ބިންހެއްދެވި ރަސްކަލާނގެއެވެ. އެކަލާނގެއަށް، ދަރިކަލަކު ވާނީ ކިހިނަކުން ހެއްޔެވެެ؟ އެކަލާނގެއަށް އަނބިކަނބަލަކުވެސް ނުވެއެވެ. އަދި ހުރިހާ ތަކެއްޗެއް ހެއްދެވީ، އެކަލާނގެއެވެ. އަދި އެކަލާނގެއީ، ހުރިހާ ތަކެއްޗެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
ذَٰلِكُمُ ٱللَّهُ رَبُّكُمۡۖ لَآ إِلَٰهَ إِلَّا هُوَۖ خَٰلِقُ كُلِّ شَيۡءٖ فَٱعۡبُدُوهُۚ وَهُوَ عَلَىٰ كُلِّ شَيۡءٖ وَكِيلٞ
އެއީ اللَّه އެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ. އެކަލާނގެ މެނުވީ حق ވެގެން އަޅުކަމެއްވެވޭ إله އަކުނުވެއެވެ. (އެކަލާނގެއީ) ހުރިހާ ތަކެއްޗެއް ހެއްދެވި ރަސްކަލާނގެއެވެ. ފަހެ، ތިޔަބައިމީހުން އެކަލާނގެއަށް އަޅުކަން ކުރާށެވެ! އަދި އެކަލާނގެއީ، ހުރިހާ ތަކެއްޗެއް ރައްކާތެރި ކުރައްވާ ބަލަހައްޓަވާ ރަސްކަލާނގެއެވެ.
لَّا تُدۡرِكُهُ ٱلۡأَبۡصَٰرُ وَهُوَ يُدۡرِكُ ٱلۡأَبۡصَٰرَۖ وَهُوَ ٱللَّطِيفُ ٱلۡخَبِيرُ
އެކަލާނގެ ذات ފުޅު (ދުނިޔެމަތީގައި) ލޯތަކަކަށް ނުފެންނާނެތެވެ. އެކަލާނގެ، އެ ލޯތައް ދެކެވޮޑިގެންވެތެވެ. އަދި އެކަލާނގެއީ، އޯގާވަންތަކަން ބޮޑު، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
قَدۡ جَآءَكُم بَصَآئِرُ مِن رَّبِّكُمۡۖ فَمَنۡ أَبۡصَرَ فَلِنَفۡسِهِۦۖ وَمَنۡ عَمِيَ فَعَلَيۡهَاۚ وَمَآ أَنَا۠ عَلَيۡكُم بِحَفِيظٖ
(ކަލޭގެފާނު ވިދާޅުވާށެވެ!) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން، ތިޔަބައިމީހުންގެ ގާތަށް ދަލީލުތަކެއް އަތުވެއްޖެކަން ކަށަވަރެވެ. ފަހެ، އެ ދަލީލުތައް ދެކެފިމީހާ (ދަންނާށެވެ!) އެކަމުގެ މަންފާހުރީ، ހަމަ އެމީހާގެ އަމިއްލަ نفس އަށެވެ. އަދި އެ ދަލީލުތައް ނުދެކި، ކަނުވެގެންފި މީހާ، އެ ގެއްލުންދެނީވެސް ހަމަ އެމީހާގެ އަމިއްލަ نفس އަށެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް ހުރި ފާރަވެރިޔަކު ކަމުގައި ތިމަންކަލޭގެފާނު ނުވަމެވެ.