أَوَعَجِبۡتُمۡ أَن جَآءَكُمۡ ذِكۡرٞ مِّن رَّبِّكُمۡ عَلَىٰ رَجُلٖ مِّنكُمۡ لِيُنذِرَكُمۡۚ وَٱذۡكُرُوٓاْ إِذۡ جَعَلَكُمۡ خُلَفَآءَ مِنۢ بَعۡدِ قَوۡمِ نُوحٖ وَزَادَكُمۡ فِي ٱلۡخَلۡقِ بَصۜۡطَةٗۖ فَٱذۡكُرُوٓاْ ءَالَآءَ ٱللَّهِ لَعَلَّكُمۡ تُفۡلِحُونَ
ތިޔަބައިމީހުންނަށް إنذار ކުރެއްވުމަށް، ތިޔަބައިމީހުންގެ ތެރެއިން ފިރިހެނަކު މެދުވެރިކޮށް، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ހަނދާން ކޮށްދިނުމެއް، ތިޔަބައިމީހުންނަށް އައިކަމަށްޓަކައި، ތިޔަބައިމީހުން حيران ވީހެއްޔެވެ؟ އަދި نوح ގެފާނުގެ قوم އަށްފަހުގައި، خليفة އިން ކަމުގައި ތިޔަބައިމީހުން ލެއްވިކަމާއި، ހެއްދެވުމުގައި ތިޔަބައިމީހުންގެ އިސްކޮޅާއި ބާރު އިތުރުކުރެއްވިކަން ތިޔަބައިމީހުން ހަނދުމަކުރާށެވެ! ފަހެ، اللَّه ގެ نعمة ތައް ތިޔަބައިމީހުން ހަނދުމަކުރާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި نصيب ލިބުމަށްޓަކައެވެ.
قَالُوٓاْ أَجِئۡتَنَا لِنَعۡبُدَ ٱللَّهَ وَحۡدَهُۥ وَنَذَرَ مَا كَانَ يَعۡبُدُ ءَابَآؤُنَا فَأۡتِنَا بِمَا تَعِدُنَآ إِن كُنتَ مِنَ ٱلصَّـٰدِقِينَ
އެއުރެން ބުނޫއެވެ. ކަލޭގެފާނު އަހުރެމެންގެ ގާތަށް ތިޔަވަޑައިގަތީ، ހަމައެކަނި اللَّه އަށް އަހުރެމެން އަޅުކަން ކުރުމަށާއި، އަހުރެމެންގެ ކާބަފައިން އަޅުކަންކޮށް އުޅުނު ތަކެތި އަހުރެމެން ދޫކޮށްލުމަށް އެންގެވުމަށްތޯއެވެ؟ ފަހެ، ކަލޭގެފާނުވަނީ، ތެދުވެރިންގެ ތެރެއިން ކަމަށްވާނަމަ، ކަލޭގެފާނު އަހުރެމެންނަށް ތިޔަ وعد ކުރައްވާ ކަމެއް، އަހުރެމެން ގާތަށް ނިކަން ގެންނަވައި ބައްލަވާށެވެ!
قَالَ قَدۡ وَقَعَ عَلَيۡكُم مِّن رَّبِّكُمۡ رِجۡسٞ وَغَضَبٌۖ أَتُجَٰدِلُونَنِي فِيٓ أَسۡمَآءٖ سَمَّيۡتُمُوهَآ أَنتُمۡ وَءَابَآؤُكُم مَّا نَزَّلَ ٱللَّهُ بِهَا مِن سُلۡطَٰنٖۚ فَٱنتَظِرُوٓاْ إِنِّي مَعَكُم مِّنَ ٱلۡمُنتَظِرِينَ
އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން عذاب އަކާއި، ކޯފާއެއް އައިސް، ތިޔަބައިމީހުންގެ މައްޗަށް ހުށަހެޅިއްޖެކަން ކަށަވަރެވެ. ތިޔަބައިމީހުންނާއި، ތިޔަބައިމީހުންގެ ކާބަފައިން، ނަންދީފައިވާ ބުދުތަކާމެދު، ތިޔަބައިމީހުން ތިމަންކަލޭގެފާނާ جدل ކުރަނީ ހެއްޔެވެ؟ އެތަކެއްޗަށް (އަޅުކަން ކުރުމަށް) އެއްވެސް حجّة އެއް اللَّه ބާވައެއް ނުލައްވަތެވެ. ފަހެ، ތިޔަބައިމީހުން انتظار ކުރާށެވެ! ތިމަންކަލޭގެފާނުވެސް ތިޔަބައިމީހުންނާއެކު انتظار ކުރާ މީހުންގެ ތެރެއިން ވާހުށީމެވެ.