وَقَالُواْ مَهۡمَا تَأۡتِنَا بِهِۦ مِنۡ ءَايَةٖ لِّتَسۡحَرَنَا بِهَا فَمَا نَحۡنُ لَكَ بِمُؤۡمِنِينَ
އެއުރެން ދެންނެވޫއެވެ. ތިމަންމެން، އޭގެ ޖާދޫގައި ޖެއްސެވުމަށްޓަކައި آية ތަކުގެ ތެރެއިން ކޮންމެފަދަ آية އެއް ކަލޭގެފާނު ތިމަންމެންނަށް ގެނެސްދެއްވި ކަމުގައިވިޔަސް، ކަލޭގެފާނަށް إيمان ވާ ބަޔަކު ކަމުގައި ތިމަންމެން ނުވާހުށީމުއެވެ.
فَأَرۡسَلۡنَا عَلَيۡهِمُ ٱلطُّوفَانَ وَٱلۡجَرَادَ وَٱلۡقُمَّلَ وَٱلضَّفَادِعَ وَٱلدَّمَ ءَايَٰتٖ مُّفَصَّلَٰتٖ فَٱسۡتَكۡبَرُواْ وَكَانُواْ قَوۡمٗا مُّجۡرِمِينَ
ދެން ކަނޑައެޅި، ބަޔާންވެގެންހުރި آية ތަކެއް ކަމުގައި (ފެންބޮޑުވުމުގެ) طوفان އާއި، ގޮއްފުޅަންގާއި، އުކުނާއި، ބޮކާއި، ލޭ، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ފޮނުއްވީމެވެ. ދެންވެސް އެއުރެން ބޮޑާވެގަތޫއެވެ. އަދި އެއުރެން ކުށްވެރި ބަޔަކު ކަމުގައިވިއެވެ.
وَلَمَّا وَقَعَ عَلَيۡهِمُ ٱلرِّجۡزُ قَالُواْ يَٰمُوسَى ٱدۡعُ لَنَا رَبَّكَ بِمَا عَهِدَ عِندَكَۖ لَئِن كَشَفۡتَ عَنَّا ٱلرِّجۡزَ لَنُؤۡمِنَنَّ لَكَ وَلَنُرۡسِلَنَّ مَعَكَ بَنِيٓ إِسۡرَـٰٓءِيلَ
އެއުރެންގެ މައްޗަށް މި عذاب އައިސްޖެހުނުހިނދު އެއުރެން ދެންނެވިއެވެ. އޭ موسى ގެފާނެވެ! ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް ތިމަންމެންނަށްޓަކައި، دعاء ކޮށްދެއްވާށެވެ. ކަލޭގެފާނަށް އެކަލާނގެ عهد ކުރައްވައި އަންގަވާފައިވާ ގޮތުގެމަތިންނެވެ. ހަމަކަށަވަރުން، ތިމަންމެންގެ ކިބައިން މި عذاب ފިއްލަވައިފިނަމަ، ހަމަކަށަވަރުން، ކަލޭގެފާނަށް ތިމަންމެން إيمان ވާހުށީމެވެ. އަދި ކަލޭގެފާނުގެ އަރިހުގައި إسـرآءيـل ގެދަރިން ފޮނުވާހުށީމެވެ.