۞وَوَٰعَدۡنَا مُوسَىٰ ثَلَٰثِينَ لَيۡلَةٗ وَأَتۡمَمۡنَٰهَا بِعَشۡرٖ فَتَمَّ مِيقَٰتُ رَبِّهِۦٓ أَرۡبَعِينَ لَيۡلَةٗۚ وَقَالَ مُوسَىٰ لِأَخِيهِ هَٰرُونَ ٱخۡلُفۡنِي فِي قَوۡمِي وَأَصۡلِحۡ وَلَا تَتَّبِعۡ سَبِيلَ ٱلۡمُفۡسِدِينَ

(ބަސް وحى ކުރެއްވުމަށާއި، توراة ބާވައިލެއްވުމަށް) ތިރީސް ރޭގެ މުއްދަތެއް ތިމަންރަސްކަލާނގެ موسى ގެފާނަށް ކަނޑައަޅުއްވައި ދެއްވީމެވެ. އަދި އެއަށް ދިހަޔެއް އިތުރުކުރައްވައި، ފުރިހަމަ ކުރެއްވީމެވެ. ފަހެ، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވާފައިވާ މުއްދަތު ސާޅީސް ރޭ ފުރިހަމަވިއެވެ. އަދި موسى ގެފާނު އެކަލޭގެފާނުގެ أخ، هارون ގެފާނަށް ވިދާޅުވިއެވެ. ތިމަންކަލޭގެފާނުގެ قوم ގެމީހުންގެ ތެރޭގައި ތިމަންކަލޭގެފާނުގެ ބަދަލުގައި ހުންނަވާށެވެ! އަދި إصلاح ކުރައްވާށެވެ! އަދި فساد ކުރާ މީހުންގެ މަގަށް تبع ވެވަޑައިނުގަންނަވާށެވެ!


وَلَمَّا جَآءَ مُوسَىٰ لِمِيقَٰتِنَا وَكَلَّمَهُۥ رَبُّهُۥ قَالَ رَبِّ أَرِنِيٓ أَنظُرۡ إِلَيۡكَۚ قَالَ لَن تَرَىٰنِي وَلَٰكِنِ ٱنظُرۡ إِلَى ٱلۡجَبَلِ فَإِنِ ٱسۡتَقَرَّ مَكَانَهُۥ فَسَوۡفَ تَرَىٰنِيۚ فَلَمَّا تَجَلَّىٰ رَبُّهُۥ لِلۡجَبَلِ جَعَلَهُۥ دَكّٗا وَخَرَّ مُوسَىٰ صَعِقٗاۚ فَلَمَّآ أَفَاقَ قَالَ سُبۡحَٰنَكَ تُبۡتُ إِلَيۡكَ وَأَنَا۠ أَوَّلُ ٱلۡمُؤۡمِنِينَ

ތިމަންރަސްކަލާނގެ ކަނޑައަޅުއްވާފައިވާ މުއްދަތަށް موسى ގެފާނު ވަޑައިގަންނަވައި، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ އެކަލޭގެފާނަށް ބަސް وحى ކުރެއްވިހިނދު، އެކަލޭގެފާނު ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ ذات ފުޅަށް ތިމަންއަޅާ ބަލައިލުމަށްޓަކައި، ތިމަންއަޅާއަށް ދައްކަވައިފާނދޭވެ! އެކަލާނގެ وحى ކުރެއްވިއެވެ. ކަލޭގެފާނަކަށް ތިމަންރަސްކަލާނގެ ذات ފުޅު ފެނިވަޑައެއް ނުގަންނަވާނެތެވެ. އެހެނެއްކަމަކު، ފަރުބަދަޔަށް ބައްލަވާށެވެ! ފަހެ، އެ ފަރުބަދަ، އެހުރިތާ ހަރުލައިހުރެއްޖެނަމަ، ކަލޭގެފާނަށް ތިމަންރަސްކަލާނގެ ذات ފުޅު ފެނިވަޑައިގެންފާނެތެވެ. ފަހެ، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ފަރުބަދަޔަށް تجلّى ވެވޮޑިގަތްހިނދު، އެ ފަރުބަދަ ކުނޑިކުނޑިވެ ބިމާ ހަމަވެގެންވާ އެއްޗެއް ކަމުގައި ލެއްވިއެވެ. އަދި موسى ގެފާނު، ހޭފުޅުނެތިގެން ވެއްޓިވަޑައިގެންފިއެވެ. ފަހެ، އެކަލޭގެފާނު ހޭފުޅުއެރިހިނދު ވިދާޅުވިއެވެ. އިބަރަސްކަލާނގެ ހުސްطاهر ވަންތަކަމާއެވެ! އިބަރަސްކަލާނގެއަށް ތިމަންއަޅާ توبة ވެއްޖައީމެވެ. އަދި إيمان ވި މީހުންކުރެ ފުރަތަމަ މީހަކީ ތިމަންއަޅާއެވެ.



الصفحة التالية
Icon