وَأَقِيمُواْ ٱلصَّلَوٰةَ وَءَاتُواْ ٱلزَّكَوٰةَۚ وَمَا تُقَدِّمُواْ لِأَنفُسِكُم مِّنۡ خَيۡرٖ تَجِدُوهُ عِندَ ٱللَّهِۗ إِنَّ ٱللَّهَ بِمَا تَعۡمَلُونَ بَصِيرٞ

އަދި ތިޔަބައިމީހުން ނަމާދު قائم ކުރާށެވެ! އަދި ތިޔަބައިމީހުން زكاة ދޭށެވެ! ހެޔޮކަމުގެ ތެރެއިން ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށްޓަކައި ތިޔަބައިމީހުން އިސްކުޅަ ކޮންމެ ކަމެއްގެ ثواب، اللَّه ގެ حضرة ގައި ތިޔަބައިމީހުންނަށް ފެންނަހުށްޓެވެ. ހަމަކަށަވަރުން، اللَّه އީ، ތިޔަބައިމީހުން ކުރާކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.


وَقَالُواْ لَن يَدۡخُلَ ٱلۡجَنَّةَ إِلَّا مَن كَانَ هُودًا أَوۡ نَصَٰرَىٰۗ تِلۡكَ أَمَانِيُّهُمۡۗ قُلۡ هَاتُواْ بُرۡهَٰنَكُمۡ إِن كُنتُمۡ صَٰدِقِينَ

އެއުރެން ބުނޫއެވެ. يهودى އަކު ކަމުގައި ނުވަތަ نصارى އަކު ކަމުގައިވާ މީހަކު މެނުވީ، ސުވަރުގެޔަކަށް ނުވަންނާނެތެވެ. އެއީ، އެއުރެންގެ ދޮގު އުންމީދު ތަކެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންނީ، ތެދުބުނާ ބަޔަކު ކަމުގައިވަނީނަމަ، ތިޔަބައިމީހުން (އެކަމަށް) دليل ގެންނާށެވެ!


بَلَىٰۚ مَنۡ أَسۡلَمَ وَجۡهَهُۥ لِلَّهِ وَهُوَ مُحۡسِنٞ فَلَهُۥٓ أَجۡرُهُۥ عِندَ رَبِّهِۦ وَلَا خَوۡفٌ عَلَيۡهِمۡ وَلَا هُمۡ يَحۡزَنُونَ

އެހެންނަކުންނޫނެވެ! ހެޔޮކޮށް ކަންތައްކުރާ މީހަކު ކަމުގައިވާ حال، އެމީހެއްގެ މޫނު (އެބަހީ: މުޅި އެމީހާ) اللَّه އަށް ކިޔަމަންކޮށްފި މީހަކަށް، ފަހެ، އޭނާގެ ވެރިރަސްކަލާނގެ حضرة ގައި އޭނާގެ ދަރުމަހުށްޓެވެ. އަދި އެއުރެންގެ މައްޗަކަށް (އެއްވެސް) ބިރެއްނެތެވެ. އަދި އެއުރެންނީ، ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ.



الصفحة التالية
Icon