وَإِذۡ قَالَتۡ أُمَّةٞ مِّنۡهُمۡ لِمَ تَعِظُونَ قَوۡمًا ٱللَّهُ مُهۡلِكُهُمۡ أَوۡ مُعَذِّبُهُمۡ عَذَابٗا شَدِيدٗاۖ قَالُواْ مَعۡذِرَةً إِلَىٰ رَبِّكُمۡ وَلَعَلَّهُمۡ يَتَّقُونَ
އޭގެތެރެއިން އެއްބަޔަކު ބުނިހިނދެވެ. اللَّه، އެބަޔަކު ހަލާކު ކުރައްވަން، ނުވަތަ ގަދަވެގެންވާ عذاب އަކުން عذاب ދެއްވަންވެފައިވާ ބަޔަކަށް، ތިޔަބައިމީހުން وعظ އިއްވަނީ ކީއްވެގެން ހެއްޔެވެ؟ އެއުރެން ބުނޫއެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة އަށް عذر ހުށަހެޅުމުގެ ގޮތުންނެވެ. އަދި އެއުރެން تقوى ވެރި ވުމަށްޓަކައެވެ.
فَلَمَّا نَسُواْ مَا ذُكِّرُواْ بِهِۦٓ أَنجَيۡنَا ٱلَّذِينَ يَنۡهَوۡنَ عَنِ ٱلسُّوٓءِ وَأَخَذۡنَا ٱلَّذِينَ ظَلَمُواْ بِعَذَابِۭ بَـِٔيسِۭ بِمَا كَانُواْ يَفۡسُقُونَ
ފަހެ، އެއުރެންނަށް ހަނދުމަކޮށްދެއްވި ކަންތައް އެއުރެން ހަނދާންނައްތައިލި ހިނދު، ނުބައިކަންތައް ނަހީކޮށް އުޅޭމީހުން، ތިމަންރަސްކަލާނގެ މިންޖުކުރެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ގަދަފަދަވެގެންވާ عذاب އަކުން އަނިޔާވެރިވީ މީހުން ހިއްޕެވީމެވެ. (އެއީ) އެއުރެން فاسق ވެ އުޅުނުކަމަށްޓަކައެވެ.
فَلَمَّا عَتَوۡاْ عَن مَّا نُهُواْ عَنۡهُ قُلۡنَا لَهُمۡ كُونُواْ قِرَدَةً خَٰسِـِٔينَ
ފަހެ، އެއުރެންނަށް ނަހީކުރެއްވި ކަންތަކާމެދު، އެއުރެން ބޮޑާވެގަތްހިނދު، ތިމަންރަސްކަލާނގެ އެއުރެންނަށް وحى ކުރެއްވީމެވެ. ދެރަވެ، ނިކަމެތިވެގެންވާ ރާމާމަކުނުތަކެއް ކަމުގައި ތިޔަބައިމީހުންވާށެވެ!
وَإِذۡ تَأَذَّنَ رَبُّكَ لَيَبۡعَثَنَّ عَلَيۡهِمۡ إِلَىٰ يَوۡمِ ٱلۡقِيَٰمَةِ مَن يَسُومُهُمۡ سُوٓءَ ٱلۡعَذَابِۗ إِنَّ رَبَّكَ لَسَرِيعُ ٱلۡعِقَابِ وَإِنَّهُۥ لَغَفُورٞ رَّحِيمٞ
އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެންގެވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، އެއުރެންނަށް ނުބައިވެގެންވާ عذاب ގެ ރަހަ ދައްކާނޭ ބަޔަކު قيامة ދުވަހަށް ދާނދެން އެކަލާނގެ އެއުރެންގެ މައްޗަށް ފޮނުއްވާހުށްޓެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، عقاب ދެއްވުން އަވަސްވެވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ.