كَمَآ أَخۡرَجَكَ رَبُّكَ مِنۢ بَيۡتِكَ بِٱلۡحَقِّ وَإِنَّ فَرِيقٗا مِّنَ ٱلۡمُؤۡمِنِينَ لَكَٰرِهُونَ
ކަލޭގެފާނުގެ ވެރިރަސްކަލާނގެ، حق ގޮތުގައި ކަލޭގެފާނުގެ ގެކޮޅުން ކަލޭގެފާނު ނެރުއްވި ފަދައިންނެވެ. ހަމަކަށަވަރުން، مؤمن ންގެ ބަޔަކު (އެކަމާ) ނުރުހުންވެގެންވާކަން ކަށަވަރެވެ.
يُجَٰدِلُونَكَ فِي ٱلۡحَقِّ بَعۡدَ مَا تَبَيَّنَ كَأَنَّمَا يُسَاقُونَ إِلَى ٱلۡمَوۡتِ وَهُمۡ يَنظُرُونَ
حق بيان ވުމަށްފަހު، އެ حق އާމެދު އެއުރެން ކަލޭގެފާނާ ޖަދަލުކުރެތެވެ. އެއުރެން ބަލަބަލާތިއްބައި މަރަށް ގެންދެވޭ ބަޔަކު ކަމުގައި އެއުރެންވާ ކަހަލައެވެ.
وَإِذۡ يَعِدُكُمُ ٱللَّهُ إِحۡدَى ٱلطَّآئِفَتَيۡنِ أَنَّهَا لَكُمۡ وَتَوَدُّونَ أَنَّ غَيۡرَ ذَاتِ ٱلشَّوۡكَةِ تَكُونُ لَكُمۡ وَيُرِيدُ ٱللَّهُ أَن يُحِقَّ ٱلۡحَقَّ بِكَلِمَٰتِهِۦ وَيَقۡطَعَ دَابِرَ ٱلۡكَٰفِرِينَ
ދެބައިމީހުންގެ ތެރެއިން (އެބަހީ: ވިޔަފާރި قافلة އާއި، ހަނގުރާމަވެރި لشكر ގެތެރެއިން) އެއްބަޔެއްގެ މައްޗަށް ތިޔަބައިމީހުންނަށް نصر ލިބޭނެ ކަމުގައި، اللَّه ތިޔަބައިމީހުންނަށް وعد ކުރެއްވިހިނދު، ހަނދުމަކުރާށެވެ! އަދި ބާރުވެރިކަން ލިބިގެންނުވާ މީހުން، ތިޔަބައިމީހުންނަށްޓަކައި އޮތުމަށް ތިޔަބައިމީހުން އެދެމުއެވެ. (ނަމަވެސް) اللَّه އިރާދަކުރައްވަނީ، އެކަލާނގެ كلمة ފުޅުތަކުން حق ސާބިތުކުރައްވައި، ފާޅުކުރެއްވުމަށެވެ. އަދި كافر ންގެ أصل މުލުން ލުހެލެއްވުމަށެވެ.
لِيُحِقَّ ٱلۡحَقَّ وَيُبۡطِلَ ٱلۡبَٰطِلَ وَلَوۡ كَرِهَ ٱلۡمُجۡرِمُونَ
(އެއީ) ކުށްވެރިން ނުރުހުނު ކަމުގައިވިޔަސް، حق ގަދަކުރައްވައި، باطل ނެތިކުރެއްވުމަށްޓަކައެވެ.