۞وَإِن جَنَحُواْ لِلسَّلۡمِ فَٱجۡنَحۡ لَهَا وَتَوَكَّلۡ عَلَى ٱللَّهِۚ إِنَّهُۥ هُوَ ٱلسَّمِيعُ ٱلۡعَلِيمُ
އަދި صلح އިގެ ފަރާތަށް އެއުރެން ލެނބިލައިފިނަމަ، ކަލޭގެފާނުވެސް (އެގޮތް قبول ކުރައްވައި) އެފަރާތަށް ލެނބިވަޑައިގަންނަވާށެވެ! އަދި اللَّه އަށް وكيل ކުރައްވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
وَإِن يُرِيدُوٓاْ أَن يَخۡدَعُوكَ فَإِنَّ حَسۡبَكَ ٱللَّهُۚ هُوَ ٱلَّذِيٓ أَيَّدَكَ بِنَصۡرِهِۦ وَبِٱلۡمُؤۡمِنِينَ
އަދި ކަލޭގެފާނަށް ކެހިދިނުމަށް އެއުރެން قصد ކުރާނަމަ، ފަހެ، ހަމަކަށަވަރުން، ކަލޭގެފާނަށް اللَّه ފުދެތެވެ. އެކަލާނގެއީ، އެކަލާނގެ نصر އާއި، مؤمن ން މެދުވެރިކުރައްވައިގެން، ކަލޭގެފާނަށް ގަދަކަންދެއްވި ރަސްކަލާނގެއެވެ.
وَأَلَّفَ بَيۡنَ قُلُوبِهِمۡۚ لَوۡ أَنفَقۡتَ مَا فِي ٱلۡأَرۡضِ جَمِيعٗا مَّآ أَلَّفۡتَ بَيۡنَ قُلُوبِهِمۡ وَلَٰكِنَّ ٱللَّهَ أَلَّفَ بَيۡنَهُمۡۚ إِنَّهُۥ عَزِيزٌ حَكِيمٞ
އަދި އެކަލާނގެ އެއުރެންގެ ހިތްތައް (އެބަހީ: مؤمن ންގެ ހިތްތައް) އެކުވެރި ކުރެއްވިއެވެ. ކަލޭގެފާނު ބިމުގައިވާ ހުރިހާ އެއްޗެއް ހޭދަކުރެއްވިޔަސް އެއުރެންގެ ހިތްތައް އެކުވެރިއެއް ނުކުރެއްވުނީހެވެ. އެހެނެއްކަމަކު، اللَّه، އެއުރެން އެކުވެރި ކުރެއްވިއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ.
يَـٰٓأَيُّهَا ٱلنَّبِيُّ حَسۡبُكَ ٱللَّهُ وَمَنِ ٱتَّبَعَكَ مِنَ ٱلۡمُؤۡمِنِينَ
އޭ ނަބިއްޔާއެވެ! ކަލޭގެފާނަށް اللَّه ފުދެތެވެ. އަދި مؤمن ންގެ ތެރެއިން ކަލޭގެފާނަށް تبع ވީ މީހަކަށްވެސް މެއެވެ.