وَإِذۡ يَرۡفَعُ إِبۡرَٰهِـۧمُ ٱلۡقَوَاعِدَ مِنَ ٱلۡبَيۡتِ وَإِسۡمَٰعِيلُ رَبَّنَا تَقَبَّلۡ مِنَّآۖ إِنَّكَ أَنتَ ٱلسَّمِيعُ ٱلۡعَلِيمُ

އަދި إبراهيم ގެފާނާއި إسماعيل ގެފާނާ ދެބަފައިކަލުން ގެފުޅުގެ ބިންގާ އުފުއްލަވައި ބިނާކުރައްވަމުން ގެންދެވިހިނދު، ހަނދުމަކުރާށެވެ! (އެހިނދު دعاء ކުރެއްވިއެވެ.) އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ކިބައިން (މިކަން) قبول ކުރައްވައިފާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.


رَبَّنَا وَٱجۡعَلۡنَا مُسۡلِمَيۡنِ لَكَ وَمِن ذُرِّيَّتِنَآ أُمَّةٗ مُّسۡلِمَةٗ لَّكَ وَأَرِنَا مَنَاسِكَنَا وَتُبۡ عَلَيۡنَآۖ إِنَّكَ أَنتَ ٱلتَّوَّابُ ٱلرَّحِيمُ

އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެއަށް ފުރިހަމަޔަށް ކިޔަމަންވާ ދެމީހުން ކަމުގައި އަޅަމެން ލައްވައިފާނދޭވެ! އަދި އިބަރަސްކަލާނގެއަށް ފުރިހަމަޔަށް ކިޔަމަންވާ أمّة އެއް، އަޅަމެންގެ ދަރިފަސްކޮޅުން ލައްވައިފާނދޭވެ! އަދި އަޅަމެން އަޅުކަންކުރާނޭ ގޮތްތައް އަޅަމެންނަށް ދައްކަވައިފާނދޭވެ! އަދި އަޅަމެންގެ މައްޗަށް توبة ލައްވައިފާނދޭވެ! ހަމަކަށަވަރުން އިބަރަސްކަލާނގެއީ ގިނަގިނައިން توبة ލައްވާ، رحيم ވަންތަ ރަސްކަލާނގެއެވެ.


رَبَّنَا وَٱبۡعَثۡ فِيهِمۡ رَسُولٗا مِّنۡهُمۡ يَتۡلُواْ عَلَيۡهِمۡ ءَايَٰتِكَ وَيُعَلِّمُهُمُ ٱلۡكِتَٰبَ وَٱلۡحِكۡمَةَ وَيُزَكِّيهِمۡۖ إِنَّكَ أَنتَ ٱلۡعَزِيزُ ٱلۡحَكِيمُ

އަޅަމެންގެ ވެރިރަސްކަލާކޮ! އަދި އެ أمّة ގެ މީހުންނަށް އިބަރަސްކަލާނގެ آية ތައް ކިޔަވައިދެއްވާ، حكمة އާއި ފޮތް އުނގަންނައިދެއްވާ އަދި (އެންމެހާ ނުބައިގޮތްތަކުން) އެ أمّة طاهر ކުރައްވާނޭ رسول އަކު، އެ أمّة ގެ ތެރެއިން، އެ أمّة ގެ ތެރެޔަށް ފޮނުއްވައިފާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ.



الصفحة التالية
Icon