فَإِنۡ ءَامَنُواْ بِمِثۡلِ مَآ ءَامَنتُم بِهِۦ فَقَدِ ٱهۡتَدَواْۖ وَّإِن تَوَلَّوۡاْ فَإِنَّمَا هُمۡ فِي شِقَاقٖۖ فَسَيَكۡفِيكَهُمُ ٱللَّهُۚ وَهُوَ ٱلسَّمِيعُ ٱلۡعَلِيمُ

ފަހެ، ތިޔަބައިމީހުން إيمان ވެގެންތިބި ފަދައިން އެއުރެން إيمان ވިނަމަ، އެއުރެންނަށް ތެދުމަގު ލިބުނީސްކަން ކަށަވަރެވެ. އަދި އެއުރެން އެނބުރި ފުރަގަސްދީފިނަމަ، އެއުރެން ވާކަން ކަށަވަރީ، ދެކޮޅުވެރި ކަމެއްގެ ތެރޭގައެވެ. ފަހެ، اللَّه އެއުރެންގެ ކިބައިން ކަލޭގެފާނު ރައްކާތެރި ކުރައްވައި ސަލާމަތްކަން ދެއްވާނެތެވެ. އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.


صِبۡغَةَ ٱللَّهِ وَمَنۡ أَحۡسَنُ مِنَ ٱللَّهِ صِبۡغَةٗۖ وَنَحۡنُ لَهُۥ عَٰبِدُونَ

اللَّه ގެ دين އަށެވެ. (އެބަހީ: تبع ވާންވީ اللَّه ގެ دين އަށެވެ.) ހިދާޔަތާއި إرشاد ދެއްވުމުގައި اللَّه އަށްވުރެ މޮޅީ ކާކުހެއްޔެވެ؟ އަދި ތިމަންމެންނީ، ހަމައެކަނި އެކަލާނގެއަށް އަޅުކަންކުރާ މީހުންނެވެ.


قُلۡ أَتُحَآجُّونَنَا فِي ٱللَّهِ وَهُوَ رَبُّنَا وَرَبُّكُمۡ وَلَنَآ أَعۡمَٰلُنَا وَلَكُمۡ أَعۡمَٰلُكُمۡ وَنَحۡنُ لَهُۥ مُخۡلِصُونَ

ކަލޭގެފާނު ވިދާޅުވާށެވެ! اللَّه އާމެދު ތިޔަބައިމީހުން ތިމަންމެންނާ جدل ކުރަނީހެއްޔެވެ؟ އެކަލާނގެއީ ތިމަންމެންގެ ވެރިރަސްކަލާނގެއެވެ. އަދި ތިޔަބައިމީހުންގެވެސް ވެރިރަސްކަލާނގެއެވެ. އަދި ތިމަންމެންގެ عمل ތައް ހުރީ (އެބަހީ: ތިމަންމެން ކުޅަކަމެއްގެ ޖަޒާ ހުރީ) ތިމަންމެންނަށެވެ. އަދި ތިޔަބައިމީހުންގެ عمل ތައް ހުރީ (އެބަހީ: ތިޔަބައިމީހުން ކުޅަކަމެއްގެ ޖަޒާ ހުރީ) ތިޔަބައިމީހުންނަށެވެ. އަދި ތިމަންމެންނީ، އެކަލާނގެއަށް إخلاص ތެރި ބަޔަކީމުއެވެ.



الصفحة التالية
Icon