قَالُواْ يَٰهُودُ مَا جِئۡتَنَا بِبَيِّنَةٖ وَمَا نَحۡنُ بِتَارِكِيٓ ءَالِهَتِنَا عَن قَوۡلِكَ وَمَا نَحۡنُ لَكَ بِمُؤۡمِنِينَ
އެއުރެން ދެންނެވޫއެވެ. އޭ هود ގެފާނެވެ! ބަޔާންވެގެންވާ ހެތްކެއް ތިމަންމެންގެ ގާތަކަށް ކަލޭގެފާނު ނުގެންނަވަމުއެވެ. އަދި (ހަމައެކަނި) ކަލޭގެފާނުގެ ބަސްފުޅަކަށް ތިމަންމެންގެ إله ންތައް ދޫކޮށްލާނޭ ބަޔަކު ކަމުގައި ތިމަންމެން ނުވަމުއެވެ. އަދި ކަލޭގެފާނަށް إيمان ވާ ބަޔަކު ކަމުގައި، ތިމަންމެން ނުވާހުށީމެވެ.
إِن نَّقُولُ إِلَّا ٱعۡتَرَىٰكَ بَعۡضُ ءَالِهَتِنَا بِسُوٓءٖۗ قَالَ إِنِّيٓ أُشۡهِدُ ٱللَّهَ وَٱشۡهَدُوٓاْ أَنِّي بَرِيٓءٞ مِّمَّا تُشۡرِكُونَ
ތިމަންމެންގެ ބައެއް إله ން ކަލޭގެފާނަށް ނުބައި ކަމެއް ޖައްސައިފިކަމުގައި މެނުވީ ތިމަންމެން ނުބުނާނޫއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން شريك ކޮށް އުޅޭ ތަކެތިން، ތިމަންކަލޭގެފާނު ބަރީއަވެގެންވާކަމަށް اللَّه ހެކިކުރައްވަމެވެ. އަދި ތިޔަބައިމީހުންވެސް ހެކިވާށެވެ!
مِن دُونِهِۦۖ فَكِيدُونِي جَمِيعٗا ثُمَّ لَا تُنظِرُونِ
އެކަލާނގެ ފިޔަވައި އެހެން ފަރާތްތަކުންނެވެ. (އެބަހީ: އެހެން ފަރާތްތަކުން ތިމަންކަލޭގެފާނު ބަރީއަ ވެގެންވަމެވެ.) ފަހެ، ތިޔަބައިމީހުން އެންމެން ތިމަންކަލޭގެފާނަށް (ހަލާކު ދިނުމަށް) ރޭވުންތައް ރާވާށެވެ! ދެން ތިމަންކަލޭގެފާނަށް ލަސްކުރާނެކަމެއް ނެތެވެ.
إِنِّي تَوَكَّلۡتُ عَلَى ٱللَّهِ رَبِّي وَرَبِّكُمۚ مَّا مِن دَآبَّةٍ إِلَّا هُوَ ءَاخِذُۢ بِنَاصِيَتِهَآۚ إِنَّ رَبِّي عَلَىٰ صِرَٰطٖ مُّسۡتَقِيمٖ
ހަމަކަށަވަރުން، ތިމަންކަލޭގެފާނުންގެ ވެރި އަދި ތިޔަބައިމީހުންގެ ވެރި اللَّه އަށް ތިމަންކަލޭގެފާނު وكيل ކޮށްފީމެވެ. ހިނގާބިނގާ އުޅޭ އެއްވެސް ދިރޭ އެއްޗެއް، އެ އެއްޗެއްގެ ناصية ގައި، އެކަލާނގެ ހިއްޕަވާ حال ގައިވާ ކަމުގައި މެނުވީ ނުވެތެވެ. ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ވޮޑިގެންވަނީ، ސީދާވެގެންވާ މަގުގައެވެ. (ނޯޓު: ناصية އަކީ، ނިތްކުރިމަތީގެ އިސްތަށިގަނޑެވެ. ناصية ގައި ހިއްޕެވުމުގެ مراد އަކީ، ހުރިހައި ބާރެއް އެކަލާނގެއަށް ملك ވެގެންވުމެވެ.)