ٱللَّهُ يَسۡتَهۡزِئُ بِهِمۡ وَيَمُدُّهُمۡ فِي طُغۡيَٰنِهِمۡ يَعۡمَهُونَ
اللَّه، އެއުރެން ކުޅަ ފުރައްސާރައިގެ ޖަޒާ އެއުރެންނަށް ދެއްވާހުށްޓެވެ. އަދި ދެފުށުއެޅޭ حال ގައި، އެއުރެންގެ އުރެދުމުގައި އުޅުމަށް އެއުރެންނަށް މުއްދަތު ދިގުކުރައްވާނެތެވެ.
أُوْلَـٰٓئِكَ ٱلَّذِينَ ٱشۡتَرَوُاْ ٱلضَّلَٰلَةَ بِٱلۡهُدَىٰ فَمَا رَبِحَت تِّجَٰرَتُهُمۡ وَمَا كَانُواْ مُهۡتَدِينَ
އެއުރެންނީ، ތެދުމަގުގެ ބަދަލުގައި މަގުފުރެދުން ގަތް މީހުންނެވެ. (އެބަހީ: ތެދުމަގަށް ފުރަގަސްދީ، މަގުފުރެދުން ހޯދި މީހުންނެވެ.) ފަހެ، އެއުރެންގެ އެ ވިޔަފާރިޔަކުން، އެއުރެންނަކަށް ފައިދާއެއް ނުވިއެވެ. އަދި އެއުރެންނަކީ، ތެދުމަގު ލިބިގެންވާ ބަޔަކުކަމުގައިވެސް ނުވެތެވެ.
مَثَلُهُمۡ كَمَثَلِ ٱلَّذِي ٱسۡتَوۡقَدَ نَارٗا فَلَمَّآ أَضَآءَتۡ مَا حَوۡلَهُۥ ذَهَبَ ٱللَّهُ بِنُورِهِمۡ وَتَرَكَهُمۡ فِي ظُلُمَٰتٖ لَّا يُبۡصِرُونَ
އެއުރެންގެ މިސާލަކީ، އަލިފާންގަނޑެއް ރޯކޮށްގެންތިބި ބަޔެއްގެ މިސާލެވެ. ފަހެ އެ އަލިފާންގަނޑު، އެއުރެންގެ ވަށައިިގެންވާތަނަށް އަލިކޮށްލިހިނދު، اللَّه އެއުރެންގެ (އެ އަލިފާންގަނޑުގެ) އަލިިކަން ގެންދަވައި އެއުރެންނަށް އެއްޗެއް ނުފެންނަފަދަ އަނދިރިތަކެއްގެ ތެރެޔަށް އެއުރެން ދޫކުރެއްވީއެވެ.
صُمُّۢ بُكۡمٌ عُمۡيٞ فَهُمۡ لَا يَرۡجِعُونَ
(އެއުރެންނީ) ބީރު ބަޔެކެވެ. މަންމަން ބަޔެކެވެ. ކަނު ބަޔެކެވެ. ފަހެ، އެއުރެން (حق ގެ މަގަކަށް) رجوع އެއް ނުވާނެތެވެ.