وَجَآءُو عَلَىٰ قَمِيصِهِۦ بِدَمٖ كَذِبٖۚ قَالَ بَلۡ سَوَّلَتۡ لَكُمۡ أَنفُسُكُمۡ أَمۡرٗاۖ فَصَبۡرٞ جَمِيلٞۖ وَٱللَّهُ ٱلۡمُسۡتَعَانُ عَلَىٰ مَا تَصِفُونَ
އަދި އެއުރެން އެކަލޭގެފާނުގެ ގަމީސްކޮޅުގައި ދޮގު ލެޔެއް އުނގުޅައިގެން ގެނައޫއެވެ. (يعقوب ގެފާނު) ވިދާޅުވިއެވެ. އެހެންނަކުންނޫނެވެ. ތިޔަބައިމީހުންގެ އަމިއްލަ نفس ތައް (ނުބައި) ކަމެއްކުރުމަށް، ތިޔަބައިމީހުންނަށް ތަންދިނީއެވެ. ފަހެ، (ތިމަންކަލޭގެފާނަށް އޮތީ) ރިވެތިވެގެންވާ ކެތްކުރުމެކެވެ. އަދި ތިޔަބައިމީހުން، ސިފަކޮށް ބުނާ އެއްޗެއްގެ މައްޗަށް (ކެތްކުރުމުގައި) އެހީދެއްވާ ފަރާތަކީ اللَّه އެވެ.
وَجَآءَتۡ سَيَّارَةٞ فَأَرۡسَلُواْ وَارِدَهُمۡ فَأَدۡلَىٰ دَلۡوَهُۥۖ قَالَ يَٰبُشۡرَىٰ هَٰذَا غُلَٰمٞۚ وَأَسَرُّوهُ بِضَٰعَةٗۚ وَٱللَّهُ عَلِيمُۢ بِمَا يَعۡمَلُونَ
އެތަނަށް ދަތުރުކުރާ ބަޔަކު އައޫއެވެ. އަދި އެއުރެންނަށް ފެން ގެނެސްދޭމީހާ (ވަޅުކައިރިއަށް) ފޮނުވޫއެވެ. އަދި އޭނާ ބާލިދީ ވަޅަށް ތިރިކޮށްފައި (يوسف ގެފާނު ވަޅުން ނަގާފައި) ބުންޏެވެ. އޭ ހުރި އުފަލެއްގެ ބޮޑުކަމާއެވެ! މިހުރީ ކުޑަ ފިރިހެން ކުއްޖެކެވެ. ދެން ވިޔަފާރި މުދަލެއްގެ ގޮތުގައި، އެކަލޭގެފާނު ފޮރުވައި، ރައްކާކޮށްފޫއެވެ. اللَّه އީ، އެމީހުން ކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
وَشَرَوۡهُ بِثَمَنِۭ بَخۡسٖ دَرَٰهِمَ مَعۡدُودَةٖ وَكَانُواْ فِيهِ مِنَ ٱلزَّـٰهِدِينَ
އަދި ވަރަށް ކުޑަ އަގަކަށް، ގުނައިލެވޭ މަދު درهم ކޮޅަކަށް، އެއުރެން އެކަލޭގެފާނު ވިއްކާލައިފޫއެވެ. އަދި އެކަލޭގެފާނާމެދު، އެއުރެންވީ (މަދު އެތިކޮޅަކަށް ރުހޭ) زاهد ންގެ ތެރެއިންނެވެ.