وَإِن كَانَ قَمِيصُهُۥ قُدَّ مِن دُبُرٖ فَكَذَبَتۡ وَهُوَ مِنَ ٱلصَّـٰدِقِينَ
އަދި އެކަލޭގެފާނުގެ ގަމީސްކޮޅު ވީދިފައިވަނީ، ފުރަގަހުންނަމަ، އެކަނބުލޭގެ އެހެދީ ދޮގެވެ. އަދި އެކަލޭގެފާނު އެވަނީ ތެދުވެރިންގެ ތެެރެއިންނެވެ.
فَلَمَّا رَءَا قَمِيصَهُۥ قُدَّ مِن دُبُرٖ قَالَ إِنَّهُۥ مِن كَيۡدِكُنَّۖ إِنَّ كَيۡدَكُنَّ عَظِيمٞ
ފަހެ، އެކަލޭގެފާނުގެ ގަމީސްކޮޅު ފުރަގަހުން ވީދިފައިވާތަން ފެނުމުން، އޭނާ (އެބަހީ: އެކަނބުލޭގެ ފިރިމީހާ) ބުންޏެވެ. ހަމަކަށަވަރުން، އެއީ ތިޔަކަނބަލުންގެ މަކަރުވެރިކަމުގެ ތެރެއިން ކަމެކެވެ. ހަމަކަށަވަރުން، ތިޔަކަނބަލުންގެ މަކަރުވެރިކަމަކީ، ބޮޑުވެގެންވާ ކަމެކެވެ.
يُوسُفُ أَعۡرِضۡ عَنۡ هَٰذَاۚ وَٱسۡتَغۡفِرِي لِذَنۢبِكِۖ إِنَّكِ كُنتِ مِنَ ٱلۡخَاطِـِٔينَ
يوسف ގެފާނެވެ! މިކަންތަކުން ދުރުހެލިވެވަޑައިގަންނަވާށެވެ! އަދި ކަނބުލޭގެ ކުރި ކުށަށް މާފު އެދޭށެވެ! ހަމަކަށަވަރުން، ކަނބުލޭގެވަނީ، ކުށްވެރިންގެ ތެރެއިންނެވެ.
۞وَقَالَ نِسۡوَةٞ فِي ٱلۡمَدِينَةِ ٱمۡرَأَتُ ٱلۡعَزِيزِ تُرَٰوِدُ فَتَىٰهَا عَن نَّفۡسِهِۦۖ قَدۡ شَغَفَهَا حُبًّاۖ إِنَّا لَنَرَىٰهَا فِي ضَلَٰلٖ مُّبِينٖ
(މިކަންތަކުގެ خبر ފެތުރިގެންދިޔުމުން) ރަށުތެރޭގެ އަންހެނުންގެ ބަޔަކު ބުނެފޫއެވެ. العزيز ގެ އަންހެނުން، އެކަނބުލޭގެ އަޅުކުއްޖާގެ ކިބައިން ނުބައިކަންތަކަށް އެދެނީއެވެ. ހަމަކަށަވަރުން، އެކަނބުލޭގެ ހިތްވަނީ، އެކުއްޖާގެ ލޯބިން ފުރިފައެވެ. ހަމަކަށަވަރުން، އެކަނބުލޭގެ ވާކަމަށް ތިމަންމެންދެކެނީ ބަޔާންވެގެންވާ ފުރެދުމެއްގައެވެ.