وَقَالَ لِفِتۡيَٰنِهِ ٱجۡعَلُواْ بِضَٰعَتَهُمۡ فِي رِحَالِهِمۡ لَعَلَّهُمۡ يَعۡرِفُونَهَآ إِذَا ٱنقَلَبُوٓاْ إِلَىٰٓ أَهۡلِهِمۡ لَعَلَّهُمۡ يَرۡجِعُونَ

އެކަލޭގެފާނު ގެންގުޅުއްވާ ކުދިންނަށް ވިދާޅުވިއެވެ. އެއުރެން (އަގަކަށް) ގެނައި މުދާ، އެއުރެންގެ ތަކެތީގެ ތެރެޔަށްލާށެވެ! (އެއީ) އެއުރެންގެ أهل ންގެ ގާތަށް އެނބުރިދާހިނދު، އެކަން އެއުރެންނަށް އެނގުމަށްޓަކައެވެ. (އަދި ތިމަންކަލޭގެފާނުގެ އަރިހަށް) އެއުރެން އެނބުރި އާދޭތޯއެވެ.


فَلَمَّا رَجَعُوٓاْ إِلَىٰٓ أَبِيهِمۡ قَالُواْ يَـٰٓأَبَانَا مُنِعَ مِنَّا ٱلۡكَيۡلُ فَأَرۡسِلۡ مَعَنَآ أَخَانَا نَكۡتَلۡ وَإِنَّا لَهُۥ لَحَٰفِظُونَ

ފަހެ، އެއުރެންގެ ބައްޕާގެ އަރިހަށް އެއުރެން އެނބުރި ދިޔަހިނދު އެއުރެން ދެންނެވޫއެވެ. އޭ އަހުރެމެންގެ ބައްޕާއެވެ! (ތިމަންމެންގެ ކޮއްކޮ ތިމަންމެންނާއެކު ނުފޮނުއްވައިފިނަމަ، ދެން) ތިމަންމެންނަށް މިނެދިނުން މަނާވީއެވެ. ފަހެ، ތިމަންމެންނަށް މިނެދޭތޯ ތިމަންމެންނާއެކު ތިމަންމެންގެ ކޮއްކޮ ފޮނުއްވާށެވެ! އަދި ހަމަކަށަވަރުން، ތިމަންމެން އެކަލޭގެފާނު ބަލަހައްޓައި ރައްކާތެރިކުރާ ހުށީމުއެވެ.


قَالَ هَلۡ ءَامَنُكُمۡ عَلَيۡهِ إِلَّا كَمَآ أَمِنتُكُمۡ عَلَىٰٓ أَخِيهِ مِن قَبۡلُ فَٱللَّهُ خَيۡرٌ حَٰفِظٗاۖ وَهُوَ أَرۡحَمُ ٱلرَّـٰحِمِينَ

އެކަލޭގެފާނު ވިދާޅުވިއެވެ. މީގެކުރިން އޭނާގެ أخ (يوسف ގެފާނު) އާމެދު ތިޔަބައިމީހުންނަށް އިތުބާރުކުރި ފަދައިން މެނުވީ، އޭނާއާމެދު ތިޔަބައިމީހުންގެ މައްޗަށް ތިމަން އިތުބާރުކުރާނޭ ހެއްޔެވެ؟ ފަހެ، اللَّه އީ، ރައްކާތެރިކުރައްވާ، އެންމެ ހެޔޮ ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ رحمة ލައްވާ، އެންމެ رحمة ވަންތަ ރަސްކަލާނގެއެވެ.



الصفحة التالية
Icon