قَالَ بَلۡ سَوَّلَتۡ لَكُمۡ أَنفُسُكُمۡ أَمۡرٗاۖ فَصَبۡرٞ جَمِيلٌۖ عَسَى ٱللَّهُ أَن يَأۡتِيَنِي بِهِمۡ جَمِيعًاۚ إِنَّهُۥ هُوَ ٱلۡعَلِيمُ ٱلۡحَكِيمُ
އެކަލޭގެފާނު ވިދާޅުވިއެވެ. އަދި ކިއެއްތަ! ތިޔަބައިމީހުންގެ نفس ތައް ތިޔަބައިމީހުންނަށް (ނުބައި) ކަމެއް ޒީނަތްތެރިކޮށްދިނީއެވެ. ފަހެ، ދެން އޮތީ ރިވެތިވެގެންވާ ކެތްކުރުމެކެވެ. اللَّه އެ އެންމެން ތިމަންކަލޭގެފާނުގެ އަރިހަށް ގެނެސްދެއްވައިފާށިއެވެ! ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ރަސްކަލާނގެއެވެ.
وَتَوَلَّىٰ عَنۡهُمۡ وَقَالَ يَـٰٓأَسَفَىٰ عَلَىٰ يُوسُفَ وَٱبۡيَضَّتۡ عَيۡنَاهُ مِنَ ٱلۡحُزۡنِ فَهُوَ كَظِيمٞ
އަދި އެކަލޭގެފާނު އެއުރެންނާ އެއްކިބާވެ ވަޑައިގަތެވެ. އަދި ވިދާޅުވިއެވެ. يوسف ގެފާނުގެ މައްޗަށް އަހުރެން ކުރާ ހިތާމައެއްގެ ބޮޑުކަމާއެވެ! އަދި ހިތާމައިގެ ސަބަބުން، އެކަލޭގެފާނުގެ ލޯފުޅު ހުދުވެގެންދިޔައެވެ. ފަހެ، އެކަލޭގެފާނީ، ހިތާމަފާޅު ނުކުރައްވައި، ހިފަހައްޓަވާ ބޭކަލެކެވެ.
قَالُواْ تَٱللَّهِ تَفۡتَؤُاْ تَذۡكُرُ يُوسُفَ حَتَّىٰ تَكُونَ حَرَضًا أَوۡ تَكُونَ مِنَ ٱلۡهَٰلِكِينَ
އެއުުރެން ދެންނެވޫއެވެ. اللَّه ގަންދީ ހުވާކުރަމެވެ. ކަލޭގެފާނު ބަލިحال ބޮޑުވެއްޖެއުމަށްދާނދެން، ނުވަތަ މަރުވެފައިވާ މީހުންގެ ތެރެއިން ހިމެނިއްޖައުމަށްދާނދެން، يوسف ގެފާނުމަތިން ހަނދުމަކުރެއްވުމުގައި ކަލޭގެފާނު ފިލާވަޑައިނުގަންނަވަމުއެވެ.
قَالَ إِنَّمَآ أَشۡكُواْ بَثِّي وَحُزۡنِيٓ إِلَى ٱللَّهِ وَأَعۡلَمُ مِنَ ٱللَّهِ مَا لَا تَعۡلَمُونَ
އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނުގެ މޮޅިޔާއި، ހިތާމައިގެ شكوى ދަންނަވާކަން ކަށަވަރީ، ހަމައެކަނި اللَّه އަށެވެ. އަދި ތިޔަބައިމީހުންނަށް ނޭނގޭ ކަންތައްތަކެއް، اللَّه ގެ حضرة ން ތިމަންކަލޭގެފާނަށް އެނގިވަޑައިގަނެއެވެ.