لَهُۥ دَعۡوَةُ ٱلۡحَقِّۚ وَٱلَّذِينَ يَدۡعُونَ مِن دُونِهِۦ لَا يَسۡتَجِيبُونَ لَهُم بِشَيۡءٍ إِلَّا كَبَٰسِطِ كَفَّيۡهِ إِلَى ٱلۡمَآءِ لِيَبۡلُغَ فَاهُ وَمَا هُوَ بِبَٰلِغِهِۦۚ وَمَا دُعَآءُ ٱلۡكَٰفِرِينَ إِلَّا فِي ضَلَٰلٖ

حق ވެގެންވާ دعاء ކުރުންވަނީ، ހަމައެކަނި އެކަލާނގެއަށެވެ. އަދި އެކަލާނގެ ފިޔަވައި، އެހެން ފަރާތްފަރާތަށް دعاء ކުރާ މީހުންނަކަށް އެފަރާތްތަކަކުން އެއްވެސް ކަމަަކަށް އިޖާބައެއް ނުދޭނެތެވެ. ފެންގަނޑަކާދިމާޔަށް އެއިން ފެންފޮދެއް އަނގަޔަށް އެޅުމަށް (ދުރުގައި ހުރެގެން) ދެއަތްތިލަ ފަތުރާމީހެއްގެ مثال ގައި މެނުވީއެވެ. އޭނާޔަކަށް އެއިން ފެންފޮދެއް އަނގަޔަކަށް ނޭޅޭނެތެވެ. كافر ވީ މީހުންގެ دعاء، ގެއްލުމެއްގައި މެނުވީ ނުވެތެވެ.


وَلِلَّهِۤ يَسۡجُدُۤ مَن فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِ طَوۡعٗا وَكَرۡهٗا وَظِلَٰلُهُم بِٱلۡغُدُوِّ وَٱلۡأٓصَالِ۩

އަދި އުޑުތަކާއި، ބިމުގައިވާހާ ބަޔަކާއި، އެއުރެންގެ ހިޔަނިތައްވެސް، ރުހުމުގައްޔާއި، ނުރުހުމުގައި، ހެނދުނާއި ހަވީރު، اللَّه އަށް (ކިޔަމަންވެ) سجدة ކުރެތެވެ.


قُلۡ مَن رَّبُّ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ قُلِ ٱللَّهُۚ قُلۡ أَفَٱتَّخَذۡتُم مِّن دُونِهِۦٓ أَوۡلِيَآءَ لَا يَمۡلِكُونَ لِأَنفُسِهِمۡ نَفۡعٗا وَلَا ضَرّٗاۚ قُلۡ هَلۡ يَسۡتَوِي ٱلۡأَعۡمَىٰ وَٱلۡبَصِيرُ أَمۡ هَلۡ تَسۡتَوِي ٱلظُّلُمَٰتُ وَٱلنُّورُۗ أَمۡ جَعَلُواْ لِلَّهِ شُرَكَآءَ خَلَقُواْ كَخَلۡقِهِۦ فَتَشَٰبَهَ ٱلۡخَلۡقُ عَلَيۡهِمۡۚ قُلِ ٱللَّهُ خَٰلِقُ كُلِّ شَيۡءٖ وَهُوَ ٱلۡوَٰحِدُ ٱلۡقَهَّـٰرُ

ކަލޭގެފާނު ވިދާޅުވާށެވެ! އުޑުތަކާއި، ބިމުގެ ވެރިރަސްކަލާނގެއަކީ ކާކުހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! اللَّه އެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެ ތަކެތީގެ އަމިއްލަ نفس ތަކަށް މަންފާއެއް، ނުވަތަ ގެއްލުމެއް ދިނުމުގެ ބާރު ލިބިގެންނުވާ ތަކެތި، އެކަލާނގެ ފިޔަވައި އެހީތެރިންކަމުގައި ތިޔަބައިމީހުން ހިފަނީހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ލޯކަނުމީހާއާއި، ލޮލަށް ފެންނަ މީހާއާ ހަމަހަމަވާނޭ ހެއްޔެވެ؟ ނުވަތަ އަނދިރިކަމާއި، އަލިކަމާ ހަމަހަމަވާނޭ ހެއްޔެވެ؟ ނުވަތަ އެއުރެން اللَّه އަށް ބައިވެރިންތަކެއްލައި، އެ ބައިވެރިންތައް އެކަލާނގެ ހައްދަވާފައިވާކަހަލަ އެއްވެސް އެއްޗެއް ހަދައި، އެ (ދެފަރާތުގެ) مخلوق ން އެއުރެންނަށް އެއްގޮތްވެ، އޮޅިގެން އުޅެންޖެހުނުހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! اللَّه އީ، ހުރިހާ އެއްޗެއް ހައްދަވާ ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، އެއްކައުވަންތަ، ބާރުވެރިވަންތަ ރަސްކަލާނގެއެވެ.



الصفحة التالية
Icon